ރާއްޖެގެ ސުކޫލުތަކުގައި ކިޔަވައިދިނުމަށް ބޭނުން ކުރެވޭ އިސްލާމް މުގައްރަރާއި އިސްލާމް ފޮތްތަކުގައި ނަފުރަތު އުފެއްދުމާއި ހަރުކަށިކަމަށް ބާރުއަޅާ ފިލާވަޅުތައް ހުރިކަމަށްބުނެ ދެކެވެމުންދާ ވާހަކަތައް ކުށްވެރިކޮށް ރާއްޖޭގެ ޢިލްމީ ދިރާސާއާއި ބަހުސްތަކާ ބެހޭ ކޮމިޓީ ކަމަށްވާ "ޢިލްމުވެރިންގެ ގުޅުން" ގެފަރާތުން ބަޔާނެއް ނެރެފިއެވެ.
އެގޮތުން މިބަޔާނުގައި ވިދާޅުވެފައިވަނީ ރާއްޖޭގެ އިސްލާމް މުގައްރަރަކީ އަބަދުވެސް ފަންނީ މާހިރުންގެ މިންނަތް މަސައްކަތްތާއި ހަރުދަނާ އުސޫލެއްގެ ދަށުން އެކުލަވާލެވިފައިވާ މުގައްރަރެއް ކަމަށެވެ. އަދި މާތްﷲ ބާއްވާލެއްވި އިސްލާމްދީނުގެ އަސާސްތައް ވަށާޖެހޭނެ ފަދައަކުން އެކުލަވާލާފައިވާ ފޮތްތަކެއް ކަމުގައި ކުދިންނަށް ކިޔަވައިދޭ އިސްލާމް ފޮތްތައް ވާނެ ކަމަށެވެ.
މީގެ އިތުރުން ޒަމާނަށް އަންނަ ބަދަލުތަކާއެކު ކިޔަވާދިނުމުގެ ވައްޓަފާޅިއަށް ވެސް ބަދަލު އަންނާނެ ކަމަށާއި އެގޮތުގެ މަތިން ގެންނަންޖެހޭ އިންސާނީ ފަންނީ ކުރިއެރުންތައް އިސްލާމީ މުގައްރަރުގައި ވެސް އެކުލަވާލެވޭނެ ފުރުސަތު އޮންނަން ޖެހޭނެ ކަމަށް ގަބޫލު ކުރައްވާ ކަމަށް ވިދާޅުވަމުން މިބަޔާނުގައި އިތުރަށް ވިދާޅުވެފައިވަނީ އެކަން އެގޮތަށް އޮތްކަމުގައި ވީނަމަވެސް ލާދީނީ ޖަމާޢަތްތަކުން، ހަރުކަށިކަމާއި ހައްދުފަހަނަ އެޅުމަށް ބާރުދޭ ފިލާވަޅުތައް އެފޮތްތަކުގައި ވާކަމަށްބުނެ ފަތުރަމުންދާ ވާހަކަތަކަށް ބަރޯސާވެ މުގައްރަރަށް ބަދަލު ނުގެނެވޭނެ ކަމަށެވެ.
އަދި ރާއްޖޭގެ ސުކޫލުތަކުގެ ހުރިހާ ގްރޭޑްއެއްގައި ކިޔަވައިދެމުންދާ އިސްލާމް ފޮތްތަކުގައި ހައްދު ފަހަނަ އެޅުމަށް ބާރުދޭފަދަ އެއްވެސް ފިލާވާޅެއް ވޭތޯ ބެލުމަށް އެކޮމިޓީގެ ފަރާތުން ދިރާސާ ކުރަމުންދާ ކަމަށް މިބަޔާނުގައި ވިދާޅުވެފައި ވެއެވެ. އަދި މިދިރާސާ ކުރުމުގެ ކުރިން ސަރުކާރުގެ ރަސްމީ ފަރާތްތަކުގެ އިތުރުން އިސްލާމް ފޮތްތައް އެކުލަވާލުވުމަށް ވޭތުވެދިޔަ މާޒީގައި މަސައްކަތް ކުރައްވާފައިވާ އަދި މިހާރުވެސް މަސައްކަތް ކުރައްވާ ބޭފުޅުންގެ ހިޔާލު ހޯއްދަވާފައިވާ ވާނެ ކަމަށްވެސް މިބަޔާނުގައިވެއެވެ.
މިގޮތުން އެބޭފުޅުންނާއެކު ބައްދަލުކޮށް ދެކެވުނު ވާހަކަތަކާ ކުރެވެމުންދާ ދިރާސާއިން ކަށަވަރުވެފައިވާ ބައެއް ކަންތައްތައް އެ އެބަޔާނުގައިވަނީ ފާހަގަކޮށްފައެވެ. އޭގެތެރޭގައި ހިމެނެނީ:
- ރާއްޖޭގެ މިހާރު މިއޮތް އިސްލާމް މުގައްރަރާއި އިސްލާމް ފޮތްތައް އެކަށައަޅުއްވާފައިވާ ބޭފުޅުންނަކީ އެފަދަ ބޮޑު މަޝްރޫޢުއެއް ހިންގުމުގެ ގާބިލުކަން ހުރި ފަރާތްތައްކަން.
- ހަރުކަށި ކަމަށް ނުވަތަ ހައްދުފަހަނަ އެޅުމަށް ބާރުދޭ ފަދަ އެއްވެސް ފިލާވަޅެއް ރާއްޖޭގެ އިސްލާމް މުގައްރަރާއި ފޮތްތަކުގައި ނުވާކަން.
- އިސްލާމީ އިންތަކުން ބޭރުވާފަދަ އަދި މީސްތަކުންގެ މެދުގައި ނަފްރަތު އުފެދޭފަދަ އެއްވެސް ފިލާވަޅެއް އިސްލާމް ފޮތްތަކުގައި އަދި މުގައްރަރުގައި ނުވާކަން.
މިބަޔާން ނިންމާލަމުން ވިދާޅުވެފައިވަނީ އިސްލާމީ އުސޫލުތަކާ ގުޅުންހުރި ކަންކަމުގައި ބޭރުގެ ފަރާތްތަކުން ކުރިމަތިކުރާ ފިއްތުންތަކާއެކުވެސް ހަރުދަނާކަމާއި ސާބިތުކަމާއެކު ތިއްބެވުމަށް ދައުލަތުގެ އިސްވެރިންގެ ފަރާތުން އެދިވަޑައިގަންނަވާ ކަމަށެވެ.






