އައްޑޫ ސިޓީ ން އިތުރު 37 މީހަކު ކޮވިޑް 19 އަށް ޕޮޒިޓިވް ވެއްޖެ އެވެ.
އައްޑޫ ހޮސްޕިޓަލުން ބުނީ މިއަދު ހަވީރު 6 ޖެހުމާ ހަމައަށް ފެނުނު 37 ކޭސްގެ ތެރެއިން 17 ކޭސް ފެނިފައިވަނީ ހިތަދޫ އިން ކަމަށެވެ. އަދި މަރަދޫ އިން 13 ކޭސް، ފޭދޫން ދެ ކޭސް އަދި މީދޫން ފަސް ކޭސް ފެނިފައިވާ ކަމަށްވެސް ހޮސްޕިޓަލުން ބުނެއެވެ.
މީގެތެރޭގައި ހިމެނެނީ 30 ޑައިރެކްޓް ކޮންޓެކްޓުންނާއި، ދެ ފްލޫ ސާމްޕަލްގެ އިތުރުން ފަސް ރެންޑަމް ސާމްޕަލް އެވެ.
އައްޑޫގެ އަވަށްތަކުގެ ތެރެއިން އެންމެ ގިނަ އަދަދަކަށް ކޮވިޑްގެ އެކްޓިވް ކޭސް މިހާރު އުޅެނީ މަރަދޫގައެވެ. އެގޮތުން މަރަދޫގައި ކޮވިޑްގެ 106 ކޭސް އުޅޭއިރު، ހިތަދޫގައި 53 ކޭސް، ފޭދޫގައި އެކްޓިވް 22 ކޭސް، މަރަދޫފޭދޫގައި 24 ކޭސް އަދި ހުޅުދޫ އާއި ގަމުގައި އެއް ކޭސް އަދި މީދޫގައި 9 އުޅޭ ކަމަށް ހޮސްޕިޓަލުން ބުނެއެވެ. އެއާއެކު އައްޑޫގެ މުޅި ޖުމްލަ އެކްޓިވް ކޭސްގެ އަދަދު ވަނީ 216 އަށް އަރާފައެވެ. މި ބަލީގައި އައްޑޫ އިން ވަނީ ތިން މީހަކު ނިޔާވެފައެވެ.
އައްޑޫގެ ގުޅިފައިވާ ރަށްތަކުން ކޮވިޑް ކޭސްތައް ގިނަ އަދަދަކަށް ފެންނަމުން ދިޔުމާ ގުޅިގެން އެޗްޕީއޭ އިން އެ ރަށްތައް މޮނީޓަރިން ހާލަތަށް ގެނެސްފައެވެ.






