ޤާނުނާއި ޤަވާއިދާއި ޚިލާފަށް މަސްވެރިކަން ކުރަމުންދާ ފަރާތްތަކާމެދު ފިޔަވަޅު އަޅާނެ ކަމަށް ދިވެހިރާއްޖޭގެ މިނިސްޓްރީ އޮފް ފިޝަރީޒް ،މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރ އިން އަންގައިފި އެވެ.
ފިޝަރީޒް މިނިސްޓްރީ އިން މިގޮތަށް އަންގާފައި މިވަނީ ބައެއް ފަރާތްތަކުން، އެފަރާތްތަކުގެ އަމިއްލަ ތަކެތީގައި އޮއިވާލި ކަނދުފަތި ފަރުމާކޮށް ހަރުކުރުމުގެ މަސައްކަތް ކުރަމުންދާކަމުގެ މައުލޫމާތު އެމިނިސްޓްރީއަށް ލިބިފައިވާތީ ކަމަށް ވިދާޅުވިއެވެ. މިގޮތުން ދިވެހިރާއްޖޭގެ މަސްވެރިކަމުގެ އާންމު ޤަވާއިދު (ޤަވާއިދު ނަންބަރު 75-R/2020) ގެ 20 ވަނަ މާއްދާގެ (ހ) ގައިވާގޮތުގެ މަތިން، މަސްވެރިކަން ކުރުމުގެ ބޭނުމަށް އެއްވެސް ބާވަތެއްގެ ކަނދުފައްޗެއް ދިވެހިރާއްޖޭގެ ކަނޑުގެ ސަރަޙައްދުގައި ހަރުކުރެވޭނީ އެމިނިސްޓްރީއަށް ނުވަތަ މިނިސްޓްރީއިން އެމަސައްކަތެއް ހަވާލުކުރާ ވަކި ފަރާތްތަކަކަށް ކަމަށްވެސް ވަނީ ވިދާޅުވެފަ އެވެ.
މީގެ އިތުރުން ކަނދުފަތި ޤާއިމްކުރުމާ ގުޅޭގޮތުން އެޤަވާއިދުގައިވާ ހިމަނާފައިވާ ހަމަތައް ހިމަނާފައިއެވަނީ، ކަނދުފަތީގެ މަސްވެރިކަމަކީ އެކަމާ ގުޅޭގޮތުން މަސް ގަންނަ ދުނިޔޭގެ ބާޒާރުތަކުގައި ނުރަނގަޅު ތަސައްވުރެއް އޮތްކަމަކަށްވެފައި އަދި ދިވެހިރާއްޖެއަކީ ބޭރުގެ މަސް ގަންނަ
ބާޒާރުތަކަށް އިންތިހާއަށް ބަރޯސާވާ ޤައުމަކަށްވާތީވެ، ކަނދުފަތީގެ މަސްވެރިކަމުގެ ސަބަބުން ދިވެހިރާއްޖޭގެ މަސްވެރިކަމަށް އެކަމުގެ ނުރަނގަޅު އަސަރުކުރުމުގެ ފުރުޞަތު ކުޑަކުރުމުގެ ގޮތުން ކަމަށްވެސް އެ މިނިސްޓްރީން ވަނީ ވިދާޅުވެފަ އެވެ.
އެހެންކަމުން ޤަވާއިދާއި ޚިލާފަށް އޮއިވާލި ކަނދުފަތި ފަރުމާކުރާކުރާ ފަރާތްތަކުން އެކަން ނުކުރުމަށް އަންގަވަމުން މިނިސްޓްރީއިން ވިދާޅުވެފައިވަނީ އިސްވެދެންވުނު ޤަވާއިދުގެ 21 ވަނަ މާއްދާގެ ބަޔާންކޮށްފައިވާ ގޮތުގެމަތިން ކަނދުފައްޗަށް ގެއްލުންދިނުމަކީ، ނުވަތަ ކަނދުފަތީގެ އެއްވެސް ބައެއް ނެގުމަކީ، ނުވަތަ ކަނދުފައްޗަށް އެއްވެސް ބަދަލެއް ގެނައުމަކީ ވެސް މަނާކަމެއްކަމުގައެވެ.
އެގޮތުގެ މަތިން މަސްވެރިކަމުގެ ޤާނޫނާއި ޤަވާއިދާއި ޚިލާފުވާ ފަރާތްތަކާއިމެދު އިދާރީ ފިޔަވަޅުއެޅުމާއި ޖޫރިމަނާކުރުމާ
ބެހޭ ޤަވާއިދުގައިވާ އިޖުރާއަތްތަކާ އެއްގޮތްވާގޮތަށް ފިޔަވަޅު އަޅާނެކަމުގައި އެމިނިސްޓްރީއިންވަނީ އަންގާފައެވެ.






