ރ. މަޑުއްވަރީ ދެކުނު ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫއުގެ ބޮޑު ބައި ނިމިއްޖެ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ބުނެފިއެވެ.
އެ ކުންފުނިން ބުނިގޮތުގައި މި މަޝްރޫއުގެ 83 އިންސައްތަ މަސައްކަތް ވަނީ ނިމިފައެވެ. އަދި މި މަޝްރޫއުގެ ދަށުން ހާބަރ ޕޭވްމަންޓް ހެދުމުގެ މަސައްކަތުގެ 60 އިންސައްތަ ވަނީ ނިމިފައެވެ.
މިއީ 72.66 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ.
މި މަޝްރޫއުގެ ދަށުން 7,280 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ނެރު ފުންކުރުމާއި، 65,520 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ހާބަރ ބޭސިން ފުންކުރުމާއި، 411 މީޓަރުގެ ސަރަހައްދެއްގައި ބޭރުތޮށި ލުމުގެ މަސައްކަތް ކުރާނެއެވެ. އަދި 566 މީޓަރުގެ ސަރަޙައްދެއްގައި އެއްގަމުތޮށި ލުމާއި، 135 މީޓަރުގެ ސަރަހައްދެއްގައި ރިވެޓްމެންޓް ޖެހުމާއި، 2825 އަކަ މީޓަރުގެ ސަރަހައްދެއްގައި ޕޭވްމަންޓް ވެސް މި މަޝްރޫއުގެ ދަށުން ހަދާނެއެވެ.
މީގެ އިތުރުން ނެރު ބައްތި އަދި މަގު ބައްތި ހަރުކުރުމުގެ މަސައްކަތް ވެސް އެމްޓީސީސީން ކުރާނެއެވެ.






