Close

ގަމުގައި ތަރައްގީކުރަން ނިންމާފައިވާ ކެންސަރު ހޮސްޕިޓަލާ ގުޅިގެން ޓީމްއެމްސީގެ މަންދޫބުން އެ ރަށަށް ޒިޔާރަތްކޮށްފި

އިންޑިއާގެ ލޯނުގެ އެހީގައި ލ. ގަމުގައި ތަރައްގީކުރަން ނިންމާފައިވާ ކެންސަރު ހޮސްޕިޓަލާ ގުޅިގެން އިންޑިއާގެ ޓާޓާ މެމޯރިއަލް ސެންޓަރު (ޓީމްއެމްސީ)ގެ މަންދޫބުން އެ ރަށަށް ޒިޔާރާތްކޮށްފި އެވެ.

ދެ އޮންކޮލޮޖިސްޓުން ވެސް ހިމެނޭ، މި ޓީމުން ވަނީ ގަމަށް ޒިޔާރަތްކޮށް، ކެންސަރު ހޮސްޕިޓަލް ހެދުމުގެ ޕްރިލިމިނަރީ ސާވޭ ހަދައި، ލިބެން ހުރި ވަސީލަތްތަކާއި ހިދުމަތްތައް ވެސް ބަލައިފަ އެވެ.

މިގޮތުން ދުނިޔޭގެ ފެންވަރުގެ ކެންސަރު ހޮސްޕިޓަލެއް ގަމުގައި އެޅިގެންދާއިރު ކެންސަރު ބަލީގެ ތަހުލީލުތައްކޮށް، ބަލި ދެނެގަނެ، ފަރުވާދީ އަދި ކެންސަރު ބަލި މީހުންނަށް ބޭނުންވާ ރިހެބިލިޓޭޝަން ވެސް އެހޮސްޕިޓަލުން ފޯރުކޮށްދޭނެ އެވެ. އަދި މީގެއިތުރުން ރާއްޖޭގެ ހުރިހާ ކެންސަރު ބަލި މީހުން އެކުލެވޭ ރަޖިސްޓްރީއެއް އެކުލެވިގެން ދާނެ އެވެ.

މިމަޝްރޫއުގެ ދަށުން ކެންސަރު ބައްޔަށް ފަރުވާ ދިނުމަށް ބޭނުންވާ ސިއްހީ ދާއިރާ ބޭފުޅުންގެ ތަމްރީނު ކުރެވިގެންދާނެއެވެ. އެގޮތުން 250 ދިވެހި ސިއްހީ ދާއިރާ މުވައްޒަފުން، ނަރުހުންނާއި، ޑޮކްޓަރުން އަދި ޓެކްނީޝަނުން، އިދާރީ މުވައްޒަފުން އަދި ކެންސަރު ފަރުވާއާއި ގުޅޭ އިތުރު ދާއިރާ ތަކުގެ ތެރެއިން ތަމްރީނުކުރެވޭނެ އެވެ.

މިޕްރޮޖެކްޓް ލޯނު ދައްކަން ފަށަން 5 އަހަރުގެ މުއްދަތެއް ދީފައިވާއިރު އިންޑިއާގެ އެކްސިމް ބޭންކުގެ 800 މިލިޔަން ޑޮލަރުގެ ލައިން އޮފް ކްރެޑިޓްގެ ދަށުން ހިންގާ މި ޕްރޮޖެކްވެސް މި ލައިން އޮފް ކްރެޑިޓް ގެ ދަށުން ހިނގާ އެހެނިހެން ބޮޑެތި ޕްރޮޖެކްޓްތަކާއި އެއްގޮތަށް 1.75 އިންޓަރެސްޓް ރޭޓުން 20 އަހަރުގެ ތެރޭގައި ދައްކާގޮތަށް ވަނީ ހަމަޖެހިފަ އެވެ.

މި ވަގުތު ރާއްޖޭގައި ކެންސަރު ބައްޔަށް ފަރުވާ ލިބެނީ ހުޅުމާލެ ހޮސްޕިޓަލާއި އައިޖީއެމްއެޗާއި އޭޑީކޭ އަދި ޓްރީޓޮޕް ހޮސްޕިޓަލުންނެވެ. ނަމަވެސް ބޮޑެތި ތަހުލީލުތައް އަދި ބަލީގެ ތަފްސީލު ދެނެގަނެ، ރޭޑިއޭޝަން ހަދައި، ބައެއް އޮޕަރޭޝަން ކުރަން އަދިވެސް ދާން ޖެހެނީ ރާއްޖެ އިން ބޭރަށެވެ.

ލ. ގަން ކެންސަރު ހޮސްޕިޓަލް މަޝްރޫއު އިއުލާން ކުރީ ރައީސް އިބްރާހިމް ސޯލިހް އާއި ބޮޑުވަޒީރު ނަރެންދްރާ މޯދީ ޑިސެމްބަރ 2019 ގައި ކުރެއްވި ވީޑިއޯ ކޮންފަރެންސް ކޯލަކުން ނެވެ.

ގުޅުންހުރި ލިޔުންތައް

ހިޔާލު ފާޅު ކުރައްވާ!

ކޮމެންޓް

Your email address will not be published. Required fields are marked *

scroll to top