ސ. ހުޅުމީދޫ މިފްކޯ ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫއުގެ މަސައްކަތް ބާރަށް ކުރިއަށްދާ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ބުނެފިއެވެ.
އެ ކުންފުނިން މި މަޝްރޫއުގެ އަމަލީ މަސައްކަތް ފެށީ މިދިޔަ އޭޕްރިލް މަހުއެވެ. އެގޮތުން މިހާރު ކުރިއަށްދަނީ ހާބަރ ބޭސިން އާއި ނެރަށް ވަންނަން އޮންނަ ސަރަހައްދު ފުންކުރުމުގެ މަސައްކަތެވެ.
މިއީ 68.80 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ.
މި މަސައްކަތުގައި ބޭނުން ކުރަނީ އެ ކުންފުނީގެ ”ޖައްރާފާ 3“އެވެ. އެގޮތުން، މި މަސައްކަތް ކުރަނީ ތިން ޝިފްޓަކަށް ބަހާލައިގެން 24 ގަޑިއިރު ކަމަށް އެމްޓީސީސީން ބުންޏެވެ.
މި މަޝްރޫއުގެ ދަށުން 471,380 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ބަނދަރު ފުންކުރުމާއި 1788 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ބިން ހިއްކުމާއި 97 މީޓަރުގެ ސަރަހައްދެއްގައި އެއްގަމުތޮށިލުމުގެ މަސައްކަތް ކުރާނެއެވެ.






