Close

ރަސްދޫ އިންޖީނުގޭގެ މަސައްކަތް ޑިސެމްބަރުގައި ނިންމާލެވޭނެ: ސްޓެލްކޯ

އއ. ރަސްދޫގައި އިމާރާތްކުރާ ޒަމާނީ އިންޖީނުގޭގެ މަސައްކަތް ޑިސެމްބަރު މަހު ނިންމާލެވޭނެ ކަމަށް ސްޓެލްކޯއިން ބުނެފިއެވެ.

އެ ކުންފުނިން ބުނީ ރަސްދޫގެ މިހާރުގެ އިންޖީނުގެއަކީ ކުރިޔަށް އޮތްތަނުގައި އެ ރަށަށް ބޭނުންވާ ކަރަންޓު ފޯރުކޮށްދެވޭ ވަރަށްވުރެ ޖާގައިގެ ގޮތުން ކުޑަ ތަނެއް ކަމަށެވެ. ނަމަވެސް މިހާރު އިމާރާތް ކުރަމުންދާ އިންޖީނުގެއަކީ ފަހެއް މެގަވޮޓުގެ އިންޖީނު ގެއެއް ކަމަށާއި، އެ އިންޖީނުގޭ އިމާރާތް ކުރަނީ ހިދުމަތަށް ބުރޫ ނާރާހެން މިހާރު ބޭނުންކުރަމުންދާ އިންޖީނުގޭ ހުރި ތަނުގައި ކަމަށް އެ ކުންފުނިން ބުންޏެވެ.

އަލަށް އިމަރާތްކުރާ އިންޖީނުގެއަކީ ވެންޓިލޭޝަން ރަނގަޅު، އުސްކޮށް އިމާރާތް ކުރެވޭ ޒަމާނީ ފެންވަރުގެ ތަނަކަށް ވެގެންދާނެ ކަމަށް ސްޓެލްކޯއިން ބުންޏެވެ. އަދި މިއީ އަޑު މަޑު، ތިމާވެއްޓާ ރައްޓެހި ތަނަކަށް ވާނެ ކަމަށާއި، އިންޖީނުގެއަށް ބޭނުންވާ ކަރަންޓު އުފައްދައިދޭނީ އިންޖީނުގޭގައި ހަރުކުރާ ސޯލާ ޕެނަލްތަކުން ކަމަށް ވެސް ވަނީ ބުނެފައެވެ.

މީގެ އިތުރުން އޮންލައިން މޮނިޓަރިން އާއި، ޓެކްނިކަލް ސަޕޯޓުގެ އިތުރުން، އާ އިންޖީނުގެ، އެ ކުންފުނީގެ މުވައްޒަފުންނަށް ރައްކާތެރި މަސައްކަތުގެ މާހައުލަކަށް ވެގެން ދާނެ ކަމަށް ވެސް ސްޓެލްކޯއިން ބުންޏެވެ.

ރަސްދޫގައި އިމާރާތް ކުރާ ޒަމާނީ އާ އިންޖީނުގޭގެ އަމަލީ މަސައްކަތް ފަށާފައިވަނީ ޖުލައި މަހުގެ ތެރޭގައެވެ. ސްޓެލްކޯއިން ބުނިގޮތުގައި އެ ކުންފުނީގެ އުއްމީދަކީ އާ އަހަރާއެކު އިފްތިތާހު ކުރެވިގެންދާ އާ އިންޖީނުގެއާއެކު، ރަސްދޫއަށް ބާރު ދުވެލީގައި ސަރުކާރުން ގެންނަމުންދާ ތަރައްގީއާއި، ލޯކަލް ޓުއަރިޒަމް ވިޔަފާރިއަށް އިތުރު ތަރައްގީއާއި، ކުރިއެރުން ލިބި، ރައްޔިތުންނަށް މަންފާކުރަނިވި، ރަނގަޅު ހިދުމަތެއް ސްޓެލްކޯއިން ރަސްދޫގައި ދެވިގެންދިއުމެވެ.

ގުޅުންހުރި ލިޔުންތައް

ހިޔާލު ފާޅު ކުރައްވާ!

ކޮމެންޓް

Your email address will not be published. Required fields are marked *

scroll to top