ދައުލަތުގެ ޓެކްސް އިދާރާ، މީރާ މެދުވެރިކޮށް މިދިޔަ މަހު ލިބުނު އާމްދަނީ 25.4 އިންސައްތަ ދަށްވެއްޖެއެވެ.
މީރާއިން ބުނެފައިވާ ގޮތުގައި މިދިޔަ މަހު ދައުލަތަށް ލިބުނީ 1.27 ބިލިއަން ރުފިޔާއެވެ. މިއީ މިދިޔަ އަހަރުގެ އޮގަސްޓް މަހާ އަޅާ ބަލާއިރު 25.4 އިންސައްތައިގެ ދަށްވުމެކެވެ. އަދި މިއީ މިދިޔަ މަހު ލިބޭނެ ކަމަށް ލަފާކުރި އަދަދަށްވުރެ ތިން އިންސައްތަ ދަށް އަދަދެކެވެ.
މިދިޔަ މަހު މީރާއަށް ލިބުނު އާމްދަނީގެ އެންމެ ބޮޑު ބައެއް ހިއްސާ ކުރަނީ ޖީއެސްޓީންނެވެ. އެގޮތުން، ޖީއެސްޓީގެ ގޮތުގައި 685.4 މިލިއަން ރުފިޔާ ވަނީ ލިބިފައިވާއިރު އިންކަމް ޓެކްސްގެ ގޮތުގައި 305.27 މިލިއަން ރުފިޔާ، ގްރީން ޓެކްސްގެ ގޮތުގައި 75.62 އަދި ވޯކް ޕާމިޓް ފީގެ ގޮތުގައި 40.18 މިލިއަން ރުފިޔާ ވަނީ އެ އިދާރާއަށް ލިބިފައެވެ.
މިދިޔަ މަހު މީރާއިން ބަލައިގަތް އާމްދަނީގެ ތެރޭގައި 36.92 މިލިއަން އެމެރިކާ ޑޮލަރު ހިމެނެއެވެ.






