މަސްތުވާތަކެއްޗާ ދެކޮޅަށް ފުލުހުން ކުރަމުންގެންދާ މަސައްކަތްތަކުގެ ތެރެއިން ފުލުހުންގެ އިންޓެލިޖެންސާއި ގދ. ފަރެސްމާތޮޑާގައި މަސައްކަތްކުރާ ފުލުހުން ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި ބަނގުރާފުޅި ތަކަކާއެކު 3 މީހަކު ހައްޔަރުކޮށްފި އެވެ.
ފުލުހުން ބުނީ ސެޕްޓެމްބަރ މަހުގެ 13 ވަނަ ދުވަހު ފަރެސްމާތޮޑާއަށް ބަނގުރާ އެތެރެކުރަން އުޅޭ ކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން ހިންގި އެ އޮޕަރޭޝަނުގައި ހައްޔަރުކޮށްފައިވަނީ އުމުރުން 21 އަހަރާއި 24 އަހަރުގެ މީހެއްގެ އިތުރުން 28 އަހަރުގެ މީހެއް ކަމަށެވެ. މި ތިން މީހުންނަކީވެސް ދިވެހި ފިރިހެނުން ކަމަށާއި އެ މީހުން ހުއްޓުވައި ބަލައި ފާސްކުރިއިރު 2 ކޭސް ބަނގުރާ ފެނިފައިވާކަމަށް ފުލުހުން ބުނެފައިވެއެވެ.
މި މައްސަލައާ ގުޅިގެން އެ 3 މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ގދ. ތިނަދޫ މެޖިސްޓްރޭޓް ކޯޓަށް ހާޒިރުކުރުމުން މިނިސްޓްރީ އޮފް ހޯމްއެފެއާޒުން ކަނޑައަޅާ ތަނެއްގައި ބަންދުގައި ބޭތިއްބުމަށް 5 ދުވަހުގެ މުއްދަތު ދީފައިވާ ކަމަށް ފުލުހުން ބުނެ އެވެ.
ފުލުހުން އިތުރަށް ބުނީ މި މައްސަލަ ފަރެސްމާތޮޑާ ޕޮލިސް ސްޓޭޝަނުން ގެންދަނީ ތަަހުގީގު ކުރަމުން ކަމަށެވެ.






