ކޯވިޑް-19އާ ގުޅިގެން ދިމާވި ގޮންޖެހުންތަކާ އެކުވެސް، މިދިޔަ އަހަރުގެ ސާފު ފައިދާއިން ފަސް އިންސައްތައިގެ ކުރިއެރުމެއް ލިބިފައިވާ ކަމަށް މޯލްޑިވްސް ވޯޓާ އެންޑް ސުވަރެޖް ކޮމްޕެނީ (އެމްޑަބްލިއުއެސްސީ) އިން ބުނެފިއެވެ.
އެ ކުންފުނިން ބޭއްވި މިދިޔަ އަހަރުގެ އަހަރީ އާންމު ޖަލްސާގައި ބޯޑު ޑިރެކްޓަރުން ބުނީ މިދިޔަ އަހަރަކީވެސް އެ ކުންފުންޏަށް ކާމިޔާބު އަހަރެއް ކަމަށެވެ. އަދި އެ ކާމިޔާބީއާއި ކުރިއެރުން ހާސިލު ކުރެވުނީ، ކުންފުނީގެ މެނޭޖުމަންޓުން ކުންފުނި ހިންގުމުގަޔާއި ހަރަދު ކުޑަކުރުމުގައި ގެންގުޅޭ ހަރުދަނާ ސިޔާސަތުތަކާއި މުވައްޒަފުންގެ ބުރަ މަސައްކަތުން ކަމަށް ބުންޏެވެ.
ކުންފުނަިގެ ކުރިއެރުމަށް ކޯވިޑުގެ އުނދަގޫ ތަހައްމަލު ކުރަމުންވެސް، ކުންފުނީގެ މުވައްޒަފުން މަޑުޖެހުމެއްނެތި ހީވާގިކަމާއެކު މަސައްކަތްކޮށްފައިވާތީ އެ ކުންފުނީގެ ބޯޑުން ވަނީ ޝުކުރު އަދާކޮށްފައެވެ.
އެމްޑަބްލިއުއެސްސީން ބުނީ، މިދިޔަ އަހަރު އެ ކުންފުނީގެ ފައިދާ އިތުރުވިއިރު، ކުންފުނީގެ ހިދުމަތްތައް އާ އުސްމިންތަކަކަށް ގެންދިއުމަށްޓަކައި ކުންފުނީގެ އިންފްރާސްޓްރަކްޗާ ތަރައްގީ ކުރުމާއި މީހުން ބިނާ ކުރުމަށް ކުރިއަށް އޮތްތަނުގައިވެސް ބޮޑެތި އިންވެސްޓުމަންޓުތައް ކުރަން ރާވާފައިވާ ކަމަށެވެ. އަދި ހިދުމަތުގެ ޔަގީންކަން އިތުރުކުރުމަށް، މާލޭގެ އޮޕަރޭޝަން ސެންޓަރު ޑިސެންޓްރަލައިޒް ކޮށް، އިތުރު ދެ ސަރަހައްދެއްގައި ފެން ޕްލާންޓް ގާއިމު ކޮށްފައިވާއިރު، އިތުރު ސްޓޯރޭޖް ފެސިލިޓީ ގާއިމުކުރުމާއި މާލެއާއި ހުޅުމާލޭގެ ފެނުގެ ނެޓްވޯކު ގުޅާލުމުގެ މަސައްކަތްތައް ކުރެވެމުންދާ ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ.
އެ ކުންފުނިން އަންނަނީ ކޮވިޑުގެ ބަލިމަޑުކަމުން އަރައިގަތުމަށްޓަކައި ސަރުކާރުން ކުރަމުން ގެންދާ މަސައްކަތްތަކަށްވެސް އެހީތެރިކަން ފޯރުކޮށްދެމުންނެވެ. އެގޮތުން ކޮވިޑު ފެސިލިޓީތައް ހެދުމަށް ސީއެސްއާރު ދަށުން އެހީތެރިކަން ފޯރުކޮށްދީފައިވާ އިރު، ސީއެސްއާރުގެ ދަށުން ތައުލީމާއި ސިއްހީ، އިޖުތިމާއީ އަދި ކުޅިވަރުގެ ދާއިރާއިންވެސް އެ ކުންފުނިން ދަނީ މުޖުތަމައަށް އެހީތެރިކަން ފޯރުކޮށްދެމުންނެވެ.






