Close

ފްލެޓުތައް އަންނަ އަހަރުގެ ކުރީކޮޅު ހަވާލުކުރާނެ: ޝާހިދު

ހިޔާ މަޝްރޫއުގެ ދަށުން ހުޅުމާލެ ދެވަނަ ފިޔަވަހީގައި އެމްޕީއެލް އިން އިމާރާތްކުރަމުން އަންނަ ފްލެޓުތައް އަންނަ އަހަރުގެ ކުރީކޮޅު ހަވާލުކުރަން ފަށާނެ ކަމަށް އެ ކުންފުނީގެ ސީއީއޯ ޝާހިދު އަލީ ވިދާޅުވެއްޖެއެވެ.

ޝާހިދު މިހެން ވިދާޅުވީ އެމްޕީއެލްގެ 35ވަނަ އަހަރީ ދުވަހުގެ މުނާސަބަތުގައި ރޭ ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުންނެވެ.

މި ޖަލްސާގައި ޝާހިދު ވިދާޅުވީ، އެ ކުންފުނީގެ ފްލެޓުތަކުގެ ހުރިހާ މަސައްކަތެއް އަންނަ އަހަރުގެ ކުރީކޮޅު ނިންމައިލެވޭނެ ކަމަށެވެ. އަދި މި މަސައްކަތް ލަސްވީ ކޯވިޑް-19ގެ ސަބަބުން ކަމަށް އޭނާ ވިދާޅުވިއެވެ.

"އަޅުގަނޑުމެން އުއްމީދު ކުރަނީ އަންނަ އަހަރުގެ ކުރީކޮޅު ހިޔާ ޕްރޮޖެކްޓުގެ ފްލެޓުތަކުގެ މަސައްކަތް ނިންމައިލެވި، އަޅުގަނޑުމެންގެ މުވައްޒަފުންނާ އެ ފްލެޓުތައް ހަވާލު ކުރެވޭނެ ކަމަށް،" ޝާހިދު ވިދާޅުވިއެވެ.

އެމްޕީއެލްގެ ހިދުމަތްތައް ކުރިމަގުގައި ތަރައްގީ ކުރުމަށް ކުރަމުން އަންނަ މަސައްކަތްތަކުގެ ދަށުން އެ ކުންފުނީގެ މުވައްޒަފުން އިތުރަށް ތަމްރީނުކުރަން ނިންމާފައިވާ ކަމަށް ވެސް ޝާހިދު ވިދާޅުވިއެވެ. އެގޮތުން، އެ ކުންފުނިން ދޭ ހިދުމަތްތަކާ ގުޅޭ ދާއިރާތަކުން މަތީ ތައުލީމު ހާސިލު ކުރުމުގެ ފުރުސަތު ހުޅުވާލައި އެ ފުރުސަތުގެ ދަށުން ފަސް މީހަކަށް ވަނީ ސްކޮލާޝިޕް ދީފައެވެ.

ޝާހިދު ވަނީ ކޯވިޑްގެ ހާލަތުގައި އެމްޕީއެލްގެ މުވައްޒަފުން ކޮށްދިން ހިދުމަތަށް ޝުކުރު އަދާކުރައްވައިފައެވެ. އަދި އެކަމުގެ އަގުވަޒަން ކުރުމުގެ ގޮތުން ކޯވިޑްގެ ހާލަތުގައި ކަރަންޓީންވެ ތިބެ ހިދުމަތް ކުރި މުވައްޒަފުންނަށް ރޭގެ ޖަލްސާގައި ވަނީ ހަނދާނީ ލިޔުން ހަވާލު ކޮށްފައެވެ.

ގުޅުންހުރި ލިޔުންތައް

ހިޔާލު ފާޅު ކުރައްވާ!

ކޮމެންޓް

Your email address will not be published. Required fields are marked *

scroll to top