ތ. އަތޮޅު ހިރިލަންދޫގައި މިއަދުވެސް ދަރިވަރިން ސްކޫލަށް ނުފޮނުވާ ބެލެނިވެރިން ސްކޫލް ދޮށުގައި އިހުތިޖާޖްކުރަން ފަށައިފިއެވެ.
މިދިޔަ ބުރާސްފަތި ދުވަހު ވެސް އެ ސްކޫލްގެ ބެލެނިވެރިން ދަރިން ސްކޫލަށް ފޮނުވާފައެއް ނުވެއެވެ.
ވިއްސާރަވާ ދުވަސްދުވަހު ސްކޫލްގެ ހާލަތު ހުންނަ ގޮތުން ކުދިންނަށް ކިޔަވަން ދަތިވާކަމަށްބުނެ، ނިމިގެންދިޔަ ހަފްތާގެ ބުދަ ދުވަހު ބެލެނިވެރިން ވަނީ ސްކޫލް ގޭޓްގައި ތަޅު އަޅުވާފައެވެ.
އެ ސްކޫލްގެ އަންހެން ބެލެނިވެރިން ނިކުމެ މިއަދުވެސް ސްކޫލް ދޮށުގައި އަޑުއުފުލަމުން އަންނަ އިރު، ޓީޗަރުންނަށްހުރަސް ނޭޅުމަށް ޕޮލިހުން ވަނީ އިލްތިމާސްކޮށްފައެވެ. އަދި އެކަން ކުރާނަމަ ބާރުގެ ބޭނުންކުރާނެކަމަށް ފުލުހުންވަނީ ބުނެފައެވެ.
ތަފާތު ޝުއޫރުތައް ލިޔެފައިވާ ބޯޑުތައް ހިފައިގެން ބެލެނިވެރިން ސްކޫލް ދޮށުގައި އަންނަނީ އަޑު އުފުލަމުންނެވެ. އަދި އެމީހުން މި އިހުތިޖާޖް ހުއްޓާލާނީ ސްކޫލްގެ ކަންތައް ވަކި ގޮތަކަށް ނިންމުމުންކަމަށް އަންނަނީ ބުނަމުންނެވެ.
މޫސުން ގޯސްވެ ވާރޭ ވެހޭ ދުވަސްދުވަހު ސްކޫލްގެ ކްލާސްރޫމްތަކަށް ފެންވަދެ މޭޒުތަކަށް ފެނުގެ އަސަރުކުރުމާއި ގުޅިގެން ކުދިންނަށް ކިޔެވުމަށް ދަތިތަކާއި ކުރިމަތިވާއިރު، މިކަން ހައްލު ކުރުމަށް ސްކޫލްގެ ކިޔެވުން ދެ ދަންފަޅިއަކަށް ބަހާލައިގެން ކުރިއަށް ގެންދިއުމަށް އެޑިއުކޭޝަން މިނިސްޓްރީއިން ވަނީ ލަފާދެއްވާފައެވެ. ނަމަވެސް ސްކޫލްގައި އެވަރުގެ ޤާބިލްކަމެއް ނެތްކަމަށް މަޢުލޫމާތުލިބެއެވެ.
ބެލެނިވެރިން ބޭނުން ނަމަ އޮންލައިންކޮށް ގޭގައި ކުދިންނަށް ކިޔެވޭނެ ގޮތް މަގުފަހިކޮށްދިނުމަށްވެސް އެޑިއުކޭޝަނުން ލަފާދީފައިވާކަމަށް ބައެއް ބެލެނިވެރިން ބުނެފައިވެއެވެ.
ހިރިލަންދޫ ސްކޫލްގައި 200 އަށް ވުރެ ގިނަ ކުދިން އަންނަނީ ތަޢުލީމް ހާސިލްކުރަމުންނެވެ.






