އަންނަ މަހު ފަށާ ސާފް ޗެމްޕިއަންޝިޕްގެ ޓައިޓަލް ސްޕޮންސަރަކަށް އުރީދޫ މޯލްޑިވްސް ހަމަޖައްސައިފިއެވެ.
އެފްއޭއެމްގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި މި އެއްބަސްވުމުގައި އެފްއޭއެމްގެ ފަރާތުން ސޮއި ކުރެއްވީ ރައީސް ބައްސާމް އަލީ ޖަލީލެވެ. އަދި އުރީދޫގެ ފަރާތުން ސޮއި ކުރެއްވީ އެ ކުންފުނީގެ ޗީފް ކޮމާޝަލް އޮފިސަރ ހިސެއިން ނިޔާޒެވެ.
މި އެއްބަސްވުމާއެކު ސާފް ޗެމްޕިއަން ޝިޕްގެ ނަން މިހާރު ވަނީ “އުރީދޫ ސާފް ޗެމްޕިއަންޝިޕް” އަށް ބަދަލުވެފައެވެ.
މީގެ ކުރިން ޓައިޓަލް ސްޕޮންސާގެ ނަން ލައިގެން ސާފް ޗެމްޕިއަންޝިޕް ކުރިއަށް ގެންގޮސްފައި ވަނީ އެންމެ ތިން ފަހަރުއެވެ. އެގޮތުން 1999 ވަނަ އަހަރު އިންޑިއާގެ ގޯއާގައި މުބާރާތް ބޭއްވި މުބާރާތުގެ ޓައިޓަލް ސްޕޮންސަރުކަން ކޮކާކޯލާއަށް ދިން އިރު 2015 ވަނަ އަހަރު އިންޑިއާގެ ޓްރިވެންޑްރަމުގައި މުބާރާތާއި 2018ވަނަ އަހަރު ބަންގްލަދޭޝްގެ ޑާކާގައި ބޭއްވި މުބާރާތުގެ ޓައިޓަލް ސްޕޮންސަރުކަން ދިނީ ސުޒުކީއަށެވެ.
ރާއްޖޭގައި ކުރިއަށްދާ މި މުބާރާތުގައި ވާދަކުރާނީ ރާއްޖޭގެ އިތުރުން އިންޑިއާ، ލަންކާ، ބަންގްލަދޭޝް އަދި ނޭޕާލްއެވެ.






