އައްޑޫ ސިޓީ ހުޅުދޫ ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫއުގެ ދަށުން، އެއްގަމުތޮށި ލުމުގެ މަސައްކަތް ބާރަށް ކުރިއަށްދާ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ބުނެފިއެވެ.
އެ ކުންފުނިން ބުނިގޮތުގައި މި މަސައްކަތަށް ބޭނުންވާ ކޮންކްރީޓް ގަލުގެ ހަތަރުވަނަ ޝިޕްމަންޓް އިއްޔެ ވަނީ ގެންގޮސްފައެވެ.
މި މަޝްރޫއުގެ ދަށުން އެއްގަމު ތޮށިލުމަށް ކޮންކްރީޓް ގާ އެތުރުމުގެ 56 އިންސައްތަ މަސައްކަތް ނިންމާލާފައި ވާކަމަށް ވެސް އެ ކުންފުނިން ބުންޏެވެ.
މިއީ 66.3 މިލިއަން ރުފިޔާއަށް އެމްޓީސީސީއާ ހަވާލުކޮށްފައިވާ މަޝްރޫއެކެވެ.
މި މަޝްރޫއުގެ ދަށުން 88,623 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ބަނދަރު ފުންކުރުމާއި، 114 މީޓަރުގެ ސަރަހައްދެއްގައި ބޭރުތޮށި ލުމާއި، 624 މީޓަރުގެ ސަރަހައްދެއްގައި ރިވެޓްމަންޓް ޖެހުމާއި، 742 މީޓަރުގެ ސަރަހައްދެއްގައި އެއްގަމު ތޮށި ލުމުގެ މަސައްކަތް ކުރާނެއެވެ. އަދި 2250 އަކަ މީޓަރުގެ ސަރަހައްދެއްގައި ޕޭވްމަންޓެއް ހަދައި، މަގު ބައްތި ޖެހުމުގެ މަސައްކަތް ވެސް މި މަޝްރޫއުގެ ތެރޭގައި ހިމެނެއެވެ.






