ގއ. ދާންދޫގައި ހިންގި މަސްތުވާތަކެތީގެ އޮޕަރޭޝަނެއްގައި މަސްތުވާތަކެއްޗާއެކު މީހަކު ހައްޔަރުކޮށްފި އެވެ.
ފުލުހުން ބުނީ ދާންދޫގައި ހިންގި މި އޮޕަރޭޝަނަކީ މަސްތުވާތަކެތި ގެންގުޅެ އެތަކެތީގެ ވިޔަފާރިކުރާކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން މި ސެޕްޓެމްބަރު މަހުގެ 21 ވަނަ ދުވަހު ފުލުހުންގެ އިންޓެލިޖެންސާއި ދާންދޫގައި މަސައްކަތްކުރާ ފުލުހުން ގުޅިގެން ހިންގި އޮޕަރޭޝަނެއް ކަމަށެވެ.
މި އޮޕަރޭޝަނުގައި 38 އަހަރުގެ ދިވެހި ފިރިހެނެއް ހައްޔަރުކޮށްފައިވާއިރު، އެމީހާ ހުއްޓުވައި ބަލައި ފާސްކުރިއިރު މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި 31 ކަރުދާސްކޮޅާއި، 2 ރަބަރު ޕެކެޓް ފެނިފައިވާކަމަށް ފުލުހުން ބުނެފައިވެއެވެ.
ގއ. ދާންދޫގައި ހިންގި އޮޕަރޭޝަނުގައި ހައްޔަރުކޮށްފައިވާ މީހާގެ ބަންދާމެދު ގޮތެއް ނިންމުމަށް ގއ. ވިލިނގިލީ މެޖިސްޓްރޭޓް ކޯޓަށް ހާޒިރުކުރުމުން މިނިސްޓްރީ އޮފް ހޯމްއެފެއާޒުން ކަނޑައަޅާ ތަނެއްގައި ބަންދުގައި ބެހެއްޓުމަށް 10 ދުވަހުގެ މުއްދަތު ދީފައިވެއެވެ.
މި މައްސަލަ ގއ. ދާންދޫ ޕޮލިސް ސްޓޭޝަނުން ދަނީ ތަހުގީގު ކުރަމުންނެވެ.






