އަންނަ މަހުގެ އަށްވަނަ ދުވަހު އައިފޯން 13 ގެ ފޯނުތައް ޕްރިއޯޑަރަށް ހުޅުވާލާނެ ކަމަށް އުރީދޫ މޯލްޑިވްސް އިން ބުނެފިއެވެ.
އެ ކުންފުނިން ބުނިގޮތުގައި މި ފޯނުތައް ޕްރިއޯޑާ ކުރެވޭނީ އެ ކުންފުނީގެ އީ ކޮމާސް ޕްލެޓްފޯމް، މޫލީ މެދުވެރިކޮށެވެ.
އިއްޔެ ދުނިޔޭގެ ބާޒާރަށް ނެރުނު އައިފޯނު 13ގެ ފޯނުތަކުގައި އެންމެ ބޮޑު ބަދަލެއް ފެންނާނީ ކެމެރާއިންނެވެ.
އައިފޯން 13 ޕްރޯގައި އޭ 15 ބަޔޮނިކް ޗިޕް ހިމަނައި މުޅިން އާ ތިން ކެމެރާ ވަނީ ހިމަނައިފައެވެ. ކެމެރާތަކަށް ގެނައި މި ބަދަލާއެކު ސިނެމަޓިކް ވީޑިއޯ ނެގުމާއި މެކްރޯ ފޮޓޯ ކޮލިޓީ ބޮޑުތަނުން ރަނގަޅުވެގެންދާނެއެވެ.
މިއީ މިހާތަނަށް ބެޓެރީ އެންމެ ގިނައިރު ހިފަހައްޓާ އައިފޯނެވެ. އެންމެ ފަހުގެ ޕްރޯ މެކްސްއަށް ވުރެ ދޮޅު ގަޑިއިރު އިތުރަށް ބެޓެރީ ހިފަހައްޓާނެ ކަމަށް އެޕަލްއިން ވަނީ ބުނެފައެވެ.
މި ފޯނުތަކުގެ ސްޓޮރޭޖް އެއް ޓެރަބައިޓާ ހިސާބަށް ލިބޭނެއެވެ. އެއީ 128 ޖީބީ، 256 ޖީބީ، 512 ޖީބީ އަދި 1 ޓެރަބައިޓެވެ.
އައިފޯން 13 އާއި މިނީގައި ވަނީ ކުރީގެ ފޯނުތަކާ އަޅާބަލާއިރު ޕަފޯމަންސް ވަރުގަދަކޮށްފައެވެ. އެގޮތުން، ފޮޓޯ އާއި ވީޑިއޯގެ ފެންވަރު މަތިކޮށްފައިވާއިރު ނޮޗް ވެސް ވަނީ ކުޑަކޮށްފައެވެ.






