Close

ރައީސުލްޖުމްހޫރިއްޔާގެ ނައިބު، ލ. އަތޮޅު ކައުންސިލާއި ބައްދަލު ކުރައްވައިފި

ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިސަލް ނަސީމް، ލ. އަތޮޅު ކައުންސިލްގެ މެމްބަރުންނާއި ބައްދަލުކުރައްވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި މިއަދު ބޭއްވި މި ބައްދަލުކުރެއްވުމުގައި ލ އަތޮޅުގެ ރައްޔިތުންނަށް ދިމާވެފައިވާ ދަތިތަކާއި އެއަތޮޅަށް މިވަގުތު އެންމެ މުހިއްމު ކަންކަމާއި ގުޅެގޮތުން އެއަތޮޅު ކައުންސިލުން ވަނީ ނައިބު ރައިސް އާއި ހިއްސާކުރައްވާފަ އެވެ.

އެގޮތުން ހައްދުންމަތީގެ ބައެއް ރަށްރަށުގައި ސިއްޙީ ޙިދުމަތް ފޯރުކޮށްދިނުމަށް އެންމެ އެދެވިގެންވާ ވަސީލަތްތައް ނެތުމާއި އެ ދާއިރާއަށް އެކަށީގެންވާ އަދަދަކަށް މުވައްޒަފުން ނެތުމުގެ ދަތިކަން ކުރިމަތިވެފައިވާ ކަމަށް އެބޭފުޅުން ފާހަގަ ކުރެއްވިއެވެ. އަދި ބައެއް ސްކޫލްތަކުގެ ޖާގައިގެ ދަތިކަން ދިމާވެފައި ވާއިރު ކިޔަވައިދިނުމަށް ބޭނުންވާ ބައެއް ވަސީލަތްތައް ނެތުމާއި މުވައްޒަފުން މަދުކަމަށް އެބޭފުޅުން ވަނީ ނައިބަށް ދަންނަވާފައެވެ. މީގެ އިތުރުން އެއަތޮޅުގައި ގާއިމް ކުރަން ހަމަޖެހިފައިވާ 2 ކޯޒްވޭގެ މަސައްކަތާއި ރިސޯޓް ދާއިރާގެ މަސައްކަތްތައް އަވަހަށް ނިންމަވައި ދެއްވުމަށް އެދެމުން އެބޭފުޅުންވަނީ އެއަތޮޅުގެ ބައެއް ރަށްތައް ގިރަމުންދާތީ އެކަމާއި ކަންބޮޑުވުން ފާޅުކޮށް އެކަމަށް އަވަސް ހައްލެއް ހޯދާ ދެއްވުމަށް އެދިވަޑައިގަންނަވާފައެވެ.

މި ބައްދަލުވުމުގައި ކައުންސިލުން ވަނީ ފަތުރުވެރިކަމުގެ ދާއިރާ އިތުރަށް ފުޅާ ކުރުމަށް ބޭނުންވާ ކަމަށާއި ރަށުގެ ޒުވާނުނަންނަކީ މަސްތުވާތަކެތީގެ ވަބާގައި ޖެހުމުގެ ބަދަލުގައި މުޖުތަމައުއަށް ބޭނުންތެރި ބަޔަކަށް ހެދުމަށް ރަށުގައި ތިބެގެން އާމްދާނީ ހޯދާނެ ގޮތްތަކާއި ގުޅޭގޮތުން މަޝްވަރާ ކުރައްވާފައެވެ. އަދި ޤައުމީ ޔުނިވަރސިޓީގެ ކެމްޕަހުގެ އިތުރުން ކެންސަރ ހޮސްޕިޓަލް ގާއިމް ކުރުމުގެ ޕްރޮޖެކްޓް އަވަސް ކޮށްދިނުމަށް ކައުންސިލުންވަނީ އެދިވަޑައިގަންނަވާފައެވެ.

މީގެ އިތުރުން ރައީލުސްހޫރިއްޔާގެ ނައިބު ރައީސް ވަނީ އެބައްދަލުވުމުގައި ކައުންސިލުން ހުށައެޅުއްވި ކަންކަމާއި ކަންބޮޑުވުންތަކަށް ހައްލެއް ހޯދާދިނުމަށް ސަރުކާރުގެ ކަމާއި ގުޅުންހުރި މުއައްސަސާތަކާއި ބައްދަލުކޮށް އެފަރާތްތަކުގެ މަޝްވަރާ ހޯއްދަވާނެ ކަމަށްވިދާޅުވެފައެވެ. އަދި މި ސަރުކާރުގެ އެއް އަމާޒަކީ އިންސާފުވެރިކަމާއިއެކު ހުރިހާ ރަށެއްގައިވެސް ކުރިއަށް ގެންދިއުމަށް ރޭވިފައިވާ މަޝްރޫއުތައް ފުރިހަމަ ކަމާއިއެކު ނިންމުން ކަމަށާއި އެކަމަށް ވަރަށް އަވަސް ސްޕީޑެއްގައި މަސައްކަތް ކުރަމުން ގެންދާނެ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.

މި ބައްދަލުކުރެއްވުމުން ނިންމަވާލައްވަމުން އެމަނިކުފާނު ވަނީ ހުވަދު އަތޮޅުގެ ރަށު ކައުންސިލުންނާއި އަތޮޅު ކައުންސިލުން ގުޅިގެން ރައްޔިތުންނަށާއި ދަރވަރުންނަށް ހޭލުންތެރި ކުރުމުގެ ޕްރޮގްރާމްތައް ކުރިއަށް ގެންދިއުން އިތުރު ކުރުމަށާއި ދުޅަހެޔޮ ސިއްހަތެއްގައި ތިބުމަށް މަސައްކަތް ކުރުމަށް ކައުންސިލުންނަށް ބާރު އަޅުއްވާފައެވެ.

ގުޅުންހުރި ލިޔުންތައް

ހިޔާލު ފާޅު ކުރައްވާ!

ކޮމެންޓް

Your email address will not be published. Required fields are marked *

scroll to top