އައްޑޫ ސިޓީގެ މަގުތައް ހެދުމަށް އިންޑިއާގެ އެފްކޯންސް އިންފްރާސްޓްރަކްޗަރ ލިމިޓެޑާ ހަވާލު ކޮށްގެން ކުރިއަށްގެންދާ މަޝްރޫޢުގެ ދަށުން އެ ޕްރޮޖެކްޓަށް ބޭނުންވާ ސާމާނާއި ވެހިކަލް އައްޑޫ ސިޓީއަށް ގެންގޮސްފި އެވެ.
އިންޑިއާގެ އެގްޒިމް ބޭންކުގެ ދަށުން ފެށުމަށް ހަމަޖެހިފައިވާ މި ޕްރޮޖެކްޓްއަކީ 77،630،898 (ހަތްދިޔަ ހަތް މިލިއަން ހަސަތޭކަ ތިރީސް ހާސް އަށް ސަތޭކަ ނުވަދިޔަ އަށް) ޑޮލަރުގެ ޕްރޮޖެކްޓްއަކަށް ވާއިރު މި މަޝްރޫއު ނިންމުމަށް ދީފައިވާ މުއްދަތަކީ 730 ދުވަހެވެ.
އެގޮތުން މި މަޝްރޫއު ގެ ދަށުން އައްޑޫގެ 103 ކިލޯމީޓަރުގެ ފެން ހިންދާ ނިޒާމަކާއި 60 ކިލޯމީޓަރުގެ މަގުގައި ސިމެންތި ސްޓެބިލައިޒްޑް ލޭޔަރ އެޅުމުގެ އިތުރަށް އައްޑޫގެ ހުރިހާ އަވަށްތަކެއް ހިމެނޭހެން ޖުމްލަ 40 ކިލޯމީޓަރުގައި ތާރު އެޅުމަށް ވަނީ ހަމަޖެހިފައެވެ. އަދި މިހާރު އައްޑޫ ސިޓީގައި ތާރު އަޅާފައިވާ މަގުތަކުގެ ތެރެއިން 3.4 ކިލޯމީޓަރުގެ މަގުގައި ރީސަރފޭސިންގެ މަސައްކަތުގެ އިތުރުން އެސިޓީގެ ހަންކެޑެ ސަރަހައްދުގައި ލިންކް ރޯޑް ޑީޓުއަރއެއް ގާއިމް ކުރުމަށްވެސް ވަނީ ހަމަޖެހިފައެވެ.
މި މަޝްރޫއު މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ އިން އެފްކޯންސް އިންފްރާސްޓްރަކްޗަރ ލިމިޓެޑާ ހަވާލުކޮށް އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ 21 ފެބްރުއަރީ 2021 އެވެ.






