މޯލްޑިވްސް ރިފޯމް މޫވްމަންޓް (އެމްއާރުއެމް)ގެ އިސް މަގާމުތަކުގެ އިންތިޚާބު ކުރިއަށް ގެންގޮސްފިއެވެ.
މިގޮތުން މިހާރު ކުރިއަށްދާ އެމްއާރުއެމްގެ ނެޝަނަލް ކޮންވެންޝަންގައި އެ ޕާޓީގެ ޒައީމަކަށް ކުރީގެ ރައީސް މައުމޫން އަބުދުލްގައްޔޫމް އިންތިޚާބު ކޮށްފައިވާއިރު، ޕާޓީގެ ރައީސަކަށް އިންތިޚާބުކޮށްފައި ވަނީ ރައީސް މައުމޫންގެ ދަރިކަލުން އަދި ކުރީގެ ދިއްގަރު ދާއިރާގެ މެންބަރު ފާރިޝް މައުމޫންނެވެ. އެ ދެމަގާމަށް އިތުރު ބޭފުޅަކު ވާދަ ކުރައްވާފަ އެއް ވެސް ނުވެއެވެ.
އެމްއާރުއެމްގެ ނައިބު ރައީސުންނަށް އިންތިޚާބުވީ ނިމުނު ދައުރުގައި ހިނގާދިޔަ އިސްލާހީ ހަރަކާތުގައި ވިދުން ގަދަ ބޭފުޅެއްކަމަށްވާ އައިމިނަތު ނާދިރާއެވެ. ނާދިރާ ވަނީ ރައީސް ޔާމީންގެ ސަރުކާރުގައި ސިޔާސީ މަގާމެއްވެސް ފުރުއްވާފައެވެ. ދެވަނަ ނައިބު ރައީސް އަކީ މޯލްޑިވްސް ގޭސްގެ އެމްޑީ ޝަޒައިލް ޝިޔާމް އެވެ.
އެ ޕާޓީގެ ޒުވާނުންގެ ކައުންސިލްގެ ރައީސްއަކަށް އިބްރާޙީމް ފަރުޙާދު އިންތިޚާބުވެފައިވާއިރު، އަންހެނުންގެ ކައުންސިލްގެ ރައީސްއަކަށް އިންތިޚާބުވީ އާރިޒާ ރަޝީދެވެ.
މިއަދު ކުރިއަށްދާ އެމްއާރުއެމްގެ ނެޝަނަލް ކޮންވެންޝަންގައި ވަނީ އެ ޕާޓީގެ އަސާސީ ގަވާއިދާއި، ހިންގާ ގަވާއިދު ވެސް ފާސްކޮށްފައެވެ.






