ގައުމީ ދުވަހުގެ މުނާސަބާގައި ރައީސް އިބްރާހީމް މުހައްމަދު ސޯލިހު މާދަމާ ރޭ ގައުމާ މުޚާތަބުކުރައްވާނެ ކަމަށް ރައީސް އޮފީހުން މިއަދު ބުނެފި އެވެ.
ރައީސް އޮފީހުން ބނެފައިވަނީ ރައީސް ޤައުމާ މުޚާޠަބު ކުރައްވާނީ، މާދަމާ ރޭ 8:45 ގައި ޖުމްހޫރީ މައިދާނުގައި ބާއްވަވާ ރަސްމީ ޖަލްސާގައި ކަމަށެވެ.
ރާއްޖޭގެ ޤައުމީ ދުވަހަކީ ރަބީޢުލްއައްވަލް މަހުގެ ފުރަތަމަ ދުވަހެވެ. މިދުވަސް ފާހަގަކުރަނީ، 15 އަހަރާއި 6 މަސްދުވަހުގެ ދިގު އަޅުވެތިކަމަށްފަހު ޕޯޗުގީޒުންގެ އަޅުވެތިކަމުން ރާއްޖެ މިނިވަންވުމުގެ ފަޚުރާއި ހަނދާން އާކުރުމުގެ ގޮތުންނެވެ. މި މަތިވެރި ޖިހާދުގެ ފަޚުވެރި ބަޠަލަކީ، ހއ.އުތީމު ޙުސައިން ޚަޠީބު ތަކުރުފާނުގެ ދަރިކަލުން އަލްޣާޒީ މުޙަންމަދު ތަކުރުފާނުލް އަޢުޒަމް ސިރީސަވާދީއްތަ މަހާރަދުންނެވެ.
މާދަމާ ރޭ ބާއްވާ ޖަލްސާގައި މިއަހަރު ޝަރަފުވެރިކަމުގެ ޤައުމީ އިނާމު ހާސިލުކުރެއްވި 4 ބޭފުޅަކަށް، ހިތްވަރު ދިނުމުގެ ޤައުމީ އިނާމު 14 ބޭފުޅަކަށް އަދި ޚާއްޞަ އިނާމު 11 ބޭފުކަށް އަރުވާނެއެވެ. އަދި ކީރިތި ޤުރްއާން ހިތުދަސްކޮށް، މިއަހަރު އެއްވަނަ ދަރަޖައިގައި ފާސްވި 11 ޙާފިޡުންނަށް ރައީސް ދެއްވާ ޚާއްޞަ މެޑެލްވެސް މި ޖަލްސާގައި ދެއްވާނެއެވެ.






