އާ ޕާޓީއެއް އުފެއްދެވުމުގެ މަސައްކަތް ފެއްޓެވީ، އެތައް އަހަރެއްވަންދެން ކުރެވުނު މަސައްކަތްތަކުން ހިތްވަރު ލިބިގެން ކަމަށާއި، އެ މަސައްކަތުގައި އެއްވެސް މީހެއްގެ މޫނަކަށް ކަނދުރާއަކަށް ނުބަލާ ކުރިއަށްދާނީ ޤައުމީ މަސްލަހަތު އިސްކޮށްގެން ކަމަށް އެމްއެންޕީގެ އެއް ނައިބު ރައީސް އަބުދުﷲ ރިޔާޟް ވިދާޅުވެއްޖެއެވެ.
އެމްއެންޕީ އުފެއްދުމުގެ ޖަލްސާގައި، ތިމަރަފުށީ ދާއިރާގެ މެންބަރުކަން ވެސް ކުރައްވާ ރިޔާޟް ވިދާޅުވީ، ޒަމާނީ ޑިމޮކްރަސީގައި ވޭތުވެދިޔަ 17 ވަރަކަށް އަހަރުގެ ތެރޭގައި އާދެވިފައިވާ ހިސާބަށް ވިސްނާ ފިކުރު ކުރާއިރު ސިޔާސީ މައިދާނުގައި ހަރަކާތްތެރިވާ ގިނަ ސިޔާސީ ޕާޓީ ތަކަކީ ކޮންމެވެސް މީހެއްގެ ފަހަތުން އެނބުރޭ ނުވަތަ ކޮންމެވެސް މީހަކު ހިސޯރުކޮށްފައިވާ ޕާޓީތަކެއް ކަމަށެވެ.
އެހެންކަމުން އެ ޕާޓީތަކަށް އިސްކުރެވެނީ ޤައުމީ މަސްލަހަތަށްވުރެ އަމިއްލަ މަސްލަހަތު ކަމަށާއި، ޤައުމީ ކަންކަން އިސްކޮށް ރައްޔިތުންގެ އުންމީދުތައް އިސްކޮށް ރައްޔިތުން ބާރުވެރި ކުރުމުގެ ބަދަލުގައި އުޅެވެނީ ތިމާއާއި، ތިމާގެ ވަށައިގެންއުޅޭ ބަޔަކު ރުއްސުމަށް ކަމަށް އޭނާ ވިދާޅުވިއެވެ. އަދި އެ ޕާޓީތަކުން މަސައްކަތް ކުރަނީ ޤައުމުގެ މާލިއްޔަތު މުއްސަނދި ކުރުމުގެ ބަދަލުގައި ތިމާގެ އަމިއްލަ އަދި ތިމާގެ ރަޙުމަތްތެރިންގެ ޖީބުތައް ފުރާލުމަށް ކަމަށް ވެސް ވިދާޅުވިއެވެ.
"މިއަދު ގައުމުގެ ހާލުގެ ދުލުން ގޮވަނީ ޤައުމީ މަސްލަހަތު އިސްކޮށް އަންނަން އޮތް ޖީލުތަކަށްޓަކައި ޤައުމު އާރާސްތުކުރާނެ ބަޔަކު، ކޯވިޑްގެ މިދަތި އުނދަގޫ ދުވަސްވަރު ސިޔާސީ ޕާޓީއެއް އުފައްދަން މަސައްކަތްފެށީ ޤައުމާމެދު ވަރަށް ވިސްނާ ފިކުރު ކުރުމަށްފަހު ހަމަ އެނޫން އެހެން އެއްވެސް ގޮތެއް ނުފެނިގެން، ޤައުމުގެ ދިފާއުގައި، ޤައުމިއްޔަތުގެ ދިފާއުގައި ޤައުމީ މަސްލަހަތު ހިމާޔަތް ކުރުމުގައި އަދި ރައްރިތުންގެ ހައްޤުތައް ކަށަވަރުކޮށް، ޤާނޫނު ތަންފީޒުކުރުމަށް ހަޔާތުގެ ބޮޑުބަޔެއް ހޭދަކުރި މީހެއްގެ ހިތުގައި ޖަހާވިންދު، ހަށިގަނޑުގައި ހިނގާލޭ އެކަމަށް އެދި ގޮވާތީވެ" ރިޔާޟް ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ، ގައުމިއްޔަތު ރަމްޒްކޮށްދޭ ފެއްސާ ރަތާއި ހުދު ރަމްޒްކޮށް ދޭ ދިދައާއި، މާތް ވެގެންވާ އިސްލާމްދީން ހިމާޔަތްކޮށް ދިނުމަށް ހުވާކޮށްގެން ހުރެ ހޫނާ އަތްވާއި، ވެހުނުހާ ވާރޭގައި ރެއެއްދުވާލެއް ނުބަލާ އެތައް އަހަރެއްވަންދެން ކުރެވުނު މަސައްކަތްތަކުން ހިތްވަރު ލިބިގެން އެ މަސައްކަތުގައި އެއްވެސް މީހެއްގެ މޫނަކަށް ކަނދުރާއަކަށް ނުބަލާ ކުރިއަށްދާނީ ޤައުމީ މަސްލަހަތު އިސްކޮށްގެން ކަމަށެވެ.
އެމްއެންޕީއަކީ ޤައުމީ ފިކުރުގެ ޕާޓީ ކަމަށާއި، އިސްކުރާނީ ޤައުމީ ފިކުރު ކަމަށާއި، އިސްކުރާނީ ދިވެހިން ކަމަށާއި އަދި ކުރިއަރުވާނީ ޤައުމިއްޔަތު ކަމަށް އޭނާ ވިދާޅުވިއެވެ. އިސްކަންދޭނީ ޤައުމީ ލޯބި އަށަގެންނެވުމަށް ކަމަށާއި، ދިވެހިންގެ ގޮތާއިފޮތާއި އާދަކާދައާއި ވަހުދަތު ހިމާޔަތްކޮށް ދީނީ ވަހުދަތު ދިރުވައި ދިނުމަށް ކަމަށް ވެސް ވިދާޅުވިއެވެ.
ރިޔާޟް ވިދާޅުވި ގޮތުގައި އެމްއެންޕީ އިސްކަން ދޭނީ ދިވެހިން އިސްކަންދޭ ކަންކަން ހާސިލް ކުރުމަށް ކަމަށެވެ. މިގޮތުން ދިވެހި ބިމުގައި ދިވެހިން ބާރުވެރިކޮށް ގެދޮރުވެރި ކުރުވުމަކީ ޕާޓީގެ މަގްސަދު ކަމަށާއި، ގައުމުގެ ވަޒީފާތައް ދިވެހިންނަށް ކަށަވަރު ކުރުމަކީ ކުރާނެ ކަމެއް ކަމަށް ވެސް ވިދާޅުވިއެވެ.






