އުރީދޫ ސާފް ޗެމްޕިއަންޝިޕްގައި ސްރީލަންކާގެ ގައުމީ ޓީމު ބަލިކޮށް، ރާއްޖޭގެ ގައުމީީ ޓީމު ކުރި ހޯދާ މުބާރާތުގެ ފައިނަލާއި ގާތަށް ޖެހިލައިފިއެވެ.
5 ގައުމު ވާދަކުރާ މި ފަހަރުގެ ސާފް ޗެމްޕިއަންޝިޕްގެ މިއަދުގެ މެޗުން ރާއްޖެ މޮޅުވެފައިވަނީ 0-1 ގެ ނަތީޖާއަކުންނެވެ. މި މޮޅާއެކު ރާއްޖެ މިހާރު ވަނީ ކުޅުނު 3 މެޗުން ލިބުނު 6 ޕޮއިންޓު ހޯދާފައެވެ. މި މުބާރާތުގެ ފައިނަލްގައި ވާދަކުރާނީ ލީގު އުސޫލުން ކުޅެމުންދާ މެޗުތަކުން އެންމެ ގިނަ ޕޮއިންޓް ހޯދާ 2 ޓީމެކެވެ.
ގަލޮޅު ދަނޑުގައި މިއަދު ހަވީރު ކުޅުނު މި މެޗުގެ 6 ވަނަ މިނެޓްގައި ރާއްޖެއިން ވަނީ ގޯލެއް ޖަހާ ކުރި ހޯދާފައެވެ. އެގޮތުން ހައިޝަމް ހަސަން ލަންކާގެ ޕެނަލްޓީ އޭރިއާ ތެރެއަށް ހުރަސްކޮށްލި ބޯޅަ ބޮލުން ކުރިއަށް ފޮނުވާލައިގެން ގޯލު ރާއްޖެ ޓީމަށް ކާމިޔާބުކޮށްދީފައިވަނީ އަލީ އަޝްފާގު (ދަގަނޑޭ) އެވެ.
މި ގޯލަށްފަހު ވެސް ފުރަތަމަ ހާފްގައި ރާއްޖެއަށް ވަނީ ގޯލު ޖަހާނެ ރަނގަޅު ފުރުސަތުތަކެއް ލިބިގެން ގޮސްފަ އެވެ. އެގޮތުން އިބްރާހިމް މަހުދީ އާއި އަލީ ފާސިރު ފޮނުވާލި 2 ހަމަލާއެއް ލަންކާގެ ކީޕަރު ދިފާއުކުރިއިރު ފާސިރު ފޮނުވާލި އިތުރު ހަމަލާއެއް ގޯލުގެ ދަނޑިއަށް ވަނީ އަމާޒުވެފައެވެ.
މުޅި މެޗުގައި ވެސް ލަންކާއަށް ގޯލެއް ކާމިޔާބު ކުރަން ފުރުސަތެއް ލިބިފައިވަނީ އެ ޓީމުގެ ކަވިންދޫ އަށެވެ. ނަމަވެސް ރާއްޖޭގެ 2 ޑިފެންޑަރުން ކައިރިން ނައްޓާލުމަށްފަހު އޭނާ ފޮނުވާލި ހަމަލާ ވަނީ ގޯލާ އަމާޒުވާ ގޮތް ނުވެފަ އެވެ.
ލަންކާއަށް މި މުބާރާތް މިހާރު ނިމިފައިވާއިރު، ލީގު ބުރުގެ ފަހު މެޗުގައި ރާއްޖެ ނިކުންނާނީ އިންޑިއާއާ ދެކޮޅަށެވެ.






