Close

ދިވެހިރާއްޖޭގެ ހަކަތައިގެ ބިލު ރައީސުލްޖުމްހޫރިއްޔާ ތަސްދީޤު ކުރައްވައިފި

ހަކަތަ އުފެއްދުމާއި، ހަކަތަ ބޭނުންކުރުމާއި، ހަކަތަ ފޯރުކޮށްދިނުމާގުޅޭ އުސޫލުތައް ކަނޑައަޅާފައިވާ ދިވެހިރާއްޖޭގެ ހަކަތައިގެ ބިލު ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް މިއަދު ތަސްދީޤު ކުރައްވައިފި އެވެ.

ދިވެހިރާއްޖޭގެ ހަކަތައިގެ ޤާނޫނަކީ ދިވެހިރާއްޖޭގައި ހަކަތަ އުފެއްދުމާއި، ހަކަތަ ބޭނުންކުރުމާއި، ހަކަތަ ފޯރުކޮށްދިނުމާގުޅޭ އުސޫލުތައް ކަނޑައަޅާފައިވާ ޤާނޫނެކެވެ.

މި ޤާނޫނުގެ މަޤްޞަދުތަކުގެ ތެރޭގައި ދިވެހިރާއްޖޭގެ ހަކަތައިގެ ދާއިރާގެ ކަންކަން ސަލާމަތާއި ރައްކާތެރިކަމާއެކު ހަރުދަނާ ނިޒާމެއްގެ ދަށުން ހިންގައި ބެލެހެއްޓުމާއި، ހަކަތައިގެ ޚިދުމަތް ހޯދާ ފަރާތްތަކާއި، ޚިދުމަތް ފޯރުކޮށްދޭ ފަރާތްތަކަށް ލިބިގެންވާ ޙައްޤުތަކާއި ޒިންމާތައް ކަނޑައެޅުން ހިމެނެއެވެ. އަދި ހަކަތައިގެ ޚިދުމަތް ފޯރުކޮށްދޭ ފަރާތްތަކަށް ލައިސަންސް ދިނުމާބެހޭ އުސޫލުތައް ބަޔާންކުރުންވެސް މި ޤާނޫނުގެ މަޤްޞަދުތަކުގެ ތެރޭގައި ހިމެނެއެވެ.

މި ޤާނޫނުގައި ހަކަތައިގެ ޚިދުމަތް ބޭނުންކުރާ ފަރާތްތަކުގެ ޙައްޤުތަކާއި، ޢާންމު ބޭނުންތަކެއްގެ ޚިދުމަތެއްގެ ގޮތުގައި ހަކަތަ ފޯރުކޮށްދޭ ފަރާތްތަކުގެ ޙައްޤުތަކާއި ޒިންމާތައް ކަނޑައަޅައި، އެފަދަ ފަރާތްތަކުން ފޯރުކޮށްދޭ ޚިދުމަތުގެ ފެންވަރު ހިފަހައްޓައި، ޚިދުމަތްހޯދާ ފަރާތްތަކަށް އެކަށީގެންވާ އަގެއްގައި ޚިދުމަތް ފޯރުކޮށްދިނުމަށްޓަކައި ކަމާބެހޭ ފަރާތްތަކުގެ މަސްއޫލިއްޔަތުތައް ބަޔާންކޮށްފައިވެއެވެ.

މީގެއިތުރުން އިއާދަކުރަނިވި ހަކަތަ ކުރިއެރުވުމާއި، ދިވެހިރާއްޖޭގެ ހަކަތައިގެ ދާއިރާއަކީ ދެމެހެއްޓެނިވި ތަރައްޤީއަށް މަގުފަހިކޮށްދޭ، ތިމާވެއްޓާ ރައްޓެހި، އަދި މޫސުމަށް އަންނަ ބަދަލުތަކަށް ބަރުދާސްތު ކުރަނިވި، ޖައްވު ހޫނުކުރާ ގޭހުގެ ޙިއްޞާ ކުޑަ، އަދި ޚަރަދުކުޑަ ހަކަތައިގެ ނިޒާމެއް ޤާއިމުކުރުމާގުޅޭ އުސޫލުތައް މި ޤާނޫނުގައި ބަޔާންކޮށްފަވެއެވެ.

ދިވެހިރާއްޖޭގެ ހަކަތައިގެ ޤާނޫނަށް ޢަމަލުކުރަން ފެށުމާއެކު، ޤާނޫނު ނަންބަރު 96/4 (ޢާންމު ބޭނުންތަކުގެ ޚިދުމަތާބެހޭ ޤާނޫނު) އުވޭނެކަމަށް މި ޤާނޫނުގައި ބަޔާންކޮށްފައިވެއެވެ.

މި ބިލު މިއަދު ވަނީ ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާއިޢުކޮށްފައި ވުމާއެކު، މިއަދުން ފެށިގެން މި ޤާނޫނަށް ޢަމަލުކުރަން ފެށޭނެއެވެ.

ގުޅުންހުރި ލިޔުންތައް

ހިޔާލު ފާޅު ކުރައްވާ!

ކޮމެންޓް

Your email address will not be published. Required fields are marked *

scroll to top