އައްޑޫގައި ފްލައިން ސްކޫލެއް ހިންގާނެ ކުންފުންޏެއް އުފައްދަން މޯލްޑިވްސް ނޭޝަނަލް ޔުނިވާސިޓީ (އެމްއެންޔޫ) އާއެކު އައިލެންޑު އޭވިއޭޝަނުން ސޮއިކޮށްފިއެވެ.
މިއަދު އެމްއެންޔޫގައި ބޭއްވި ރަސްމިއްޔާތެއްގައި މި އެއްބަސްވުމުގައި އައިލެންޑް އޭވިއޭޝަންގެ ފަރާތުން ސޮއި ކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު މިހާދެވެ. އަދި އެމްއެންޔޫގެ ފަރާތުން ސޮއި ކުރެއްވީ ޔުނިވާސިޓީގެ ވައިސް ޗާންސެލާ ޑރ. މުހައްމަަދު ޝަރީފެވެ.
މި އެއްބަސްވުމުގެ ދަށުން އުފައްދާ ކުންފުންޏަކީ ޖޮއިންޓްވެންޗާއެކެވެ. މި ކުންފުންޏަކީ ސަރުކާރުގެ 100 އިންސައްތަ ހިއްސާ އޮންނަ ކުންފުންޏެކެވެ.
މި އެއްބަސްވުމާއެކު އުފައްދާ ކުންފުނީގެ ދަށުން ފްލައިންސްކޫލު އުފައްދައި ހިންގާނީ އައްޑޫ ގަން އިންޓަނޭޝަނަލް އެއާޕޯޓުގައެވެ.
އައިލެންޑް އޭވިއޭޝަންގެ މެނޭޖިން ޑިރެކްޓަރު މިހާދު ވިދާޅުވީ އަންނަ ޑިސެމްބަރު މަހުގެ ތެރޭގައި ކިޔެވުން ފަށަން ތައްޔާރުވަމުން އަންނަ ކަމަށެވެ. އެގޮތުން، އާއްމުކޮށް ހުޅުވާލައިގެން ފަށާ ފުރަތަމަ ބެޗުން 30 ދަރިވަރުންނަށް ޖާގަ ދޭއިރު، އައްޑޫ ފްލައިން ސްކޫލުގައި ކިޔަވަމުން އައި ދަރިވަރުންނަށް ޖާގަ ދޭނެ ކަމަށް އޭނާ ވިދާޅުވިއެވެ. އެ ދަރިވަރުންނަށް އަންނަ އަހަރު ނިމޭއިރު ކިޔެވުން ފުރިހަމަ ކުރެވޭނެ ކަމަށް އުއްމީސދު ކުރައްވާ ކަމަށްވެސް މިހާދު ވިދާޅުވިއެވެ.
އެމްއެންޔޫގެ ވައިސް ޗާންސެލަރު ޑރ. ޝަރީފް ވިދާޅުވީ ފްލައިން ސްކޫލު ގާއިމު ކުރި ނަމަވެސް އޭވިއޭޝަން ދާއިރާގެ އެހެން މަސައްކަތްތަކަށް ވަނުމަށް މަސައްކަތް ކުރާނެ ކަމަށެވެ. އޭގެ ތެރޭގައި އިންޖީނިއަރިން އާއި ލޭންޑް ސައިޓުގައި ހިމެނޭ ކަންކަން ހިމެނެއެވެ.






