އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަލް (އޭއީއެޗް) ގައި ސްޕެޝަލިސްޓު ޑޮކްޓަރުންނަށް އެޕޮއިންޓްމަންޓް ހަދަމުން އަންނަ އުސޫލަށް ބަދަލުތަކެއް ގެންނަން ނިންމައިފި އެވެ.
އެ ހޮސްޕިޓަލުން ބުނެފައިވަނީ އެޕޮއިންޓްމަންޓް ހެދުމުގެ އުސޫލަށް ގެންނަ ބަދަލުތަކުގެ ތެރޭގައި ޑޮކްޓަރުންނަށް ވެއިޓް ލިސްޓު ކުރުން ހުއްޓާލުމާއި، 7 ދުވަހަށް އެޕޮއިންޓްމަންޓް ހެދޭނެ އުސޫލެއް ގާއިމް ކުރުމާއި އެޕޮއިންޓްމަންޓް ހައްދާ ދުވަސްތައް އިތުރުކުރާނީ ކޮންމެ ހަފްތާއެއްގެ އަންގާރަ އަދި ހޮނިހިރު ދުވަހު ކަމަށެވެ. އަދި މި އުސޫލަށް އަމަލު ކުރާނީ މި މަހުގެ 19 ވަނަ ދުވަހު ހެނދުނު 8 އިން ފެށިގެން ކަމަށް އެ ހޮސްޕިޓަލުން ބުނެފައިވެއެވެ.
މީގެ އިތުރުން ޑޮކްޓަރަށް ދެއްކުމާއި އަދި އެ ނޫން ވެސް ޚިދުމަތްތައް ހޯދުމުގައި އޮންނަ ބޮޑު ކިޔޫއަށް ހައްލެއް ގެނެސްފައިވާ ކަމަށާއި މިހާރު ކިޔޫގައި ހަމައެކަނި ތިބީ އެތެރެހަށީގެ ޑޮކްޓަރަށް ދެއްކުމަށް ބޭނުންވާ މީހުން ކަމަށް އެ ހޮސްޕިޓަލުން ބުނެފައިވެ އެވެ. އަދި ކުރިއަށް އޮތް މަދު ދުވަސްކޮޅެއްގެ ތެރޭގައި އެކަމަށްވެސް ހައްލެއް ގެނެވޭނެ ކަމަށް އެހޮސްޕިޓަލުން ބުނެފައިވެއެވެ.
ޑޮކްޓަރަށް ދެއްކުމަށް ދިގު ކިޔޫއެއް އޮތުމަކީ އޭއީއެޗްގައި އޮތް އެންމެ ބޮޑު އެއް މައްސަލަ އެވެ. އެ މައްސަލަ އަށް ހައްލު ގެނައުމުގެ ގޮތުން އައްޑޫގެ އެހެން އަވަށްތަކުގެ ހެލްތު ސެންޓަރުތަކުގައި އޯޕީޑީތައް ހިންގަން މިހާރު ވަނީ ފަށާފައެވެ.






