ފުވައްމުލަކު ސިޓީގެ 3 ދާއިރާގެ މަޖިލިސް މެންބަރުން، އެޑިއުކޭޝަން މިނިސްޓަރ ޢާއިޝަތު އަލީ އާއި ބައްދަލު ކުރައްވައިފި އެވެ.
އެޑިއުކޭޝަން މިނިސްޓްރީގައި މިއަދު ބޭއްވުނު މިބައްދަލުކުރެއްވުމުގައި ފުވައްމުލަކު ސްކޫލްތަކަށް ދިމާވެފައިވާ ދަތިތަކާއި އެސްކޫލްތަކުގެ ކިޔެވުން ރަނގަޅު ކުރުމަށް ކުރެވިދާނެ ކަންތައްތަކާއި ބެހޭ ގޮތުން މެންބަރުން ވަނީ މިނިސްޓަރ އާއި މަޝްވަރާ ކުރައްވާފައެވެ.
މި ނޫހަށް މައުލޫމާތު ދެއްވަމުން ފުވައްމުލަކު މެދު ދާއިރާގެ މަޖިލިސް މެންބަރު ޙުސައިން މުޙައްމަދު ދީދީ ވިދާޅުވީ ކުރިއަށް އޮތް ތަނުގައި ވަކިން ޚާއްސަކޮށް ހާފިޡް އަހުމަދު ސްކޫލަށް ދިމާވެފައިވާ މައްސަލަތަކަށް ހައްލެއް ލިބިގެންދާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށާއި މީގެ އިތުރުން ސްކޫލްތަކުގެ މައްސަލަތައް ފިޔަވާ ދަރިވަރުންގެ ކިޔެވުން އިތުރަށް ތަރައްޤީ ކުރެވޭނެ ގޮތްތަކާއި ބެހޭގޮތުން ފުޅާ ދާއިރާއެއްގައި މިނިސްޓަރާއި މަޝްވަރާކުރައްވާފައިވާނެ ކަމަށެވެ.
އަދި މިހާރު ޕީއެސްއައިޕީ ޕްރޮޖެކްޓުގެ ދަށުން އެޅުމ،ަށް ނިންމާފައިވާ އޭއީސީ ކްލާސް ރޫމްތައް އެޅުމުގެ މަޝްރޫއު ފެށޭނެ ތާރިހަކާއި ގުޅޭ ގޮތުން ސުވާލު ކުރައްވާފައިވާނެ ކަމަށްވެސް މެންބަރ ުޙުސައިން މުޙައްމަދު ދީދީ ވިދާޅުވެފައިވެ އެވެ.
މި ބައްދަލުވުމުގައި ފުވައްމުލަކު މެދު ދާއިރާގެ މަޖިލިސް މެންބަރު ޙުސައިން މުޙައްމަދު ދީދީ އާއި ފުވައްމުލަކު އުތުރު ދާއިރާގެ މަޖިލިސް މެންބަރު މުޙައްމަދު ރަޝީދުގެ އިތުރުން ފުވައްމުލަކު ދެކުނު ދާއިރާގެ މަޖިލިސް މެންބަރު މުޙައްމަދު މުމްތާޒް ވެސް ވަނީ ބައިވެރިވެވަޑައިގެންފައެވެ.






