އއ. ބޮޑުފުޅަދޫގައި އިމާރާތް ކުރި އައު މިސްކިތް ރައީސުލްޖުމްހޫރިއްޔާ އިބްރާޙިމް މުހައްމަދު ސޯލިހު ހުޅުއްވާދެއްވައިފި އެވެ.
ރައީސް ސޯލިހު އެ މިސްކިތް ހުޅުއްވާދެއްވާފައި ވަނީ އެމަނިކުފާނު އއ. އަތޮޅަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައެވެ. އެ ދަތުރުފުޅުގައި އެމަނިކުފާނު މިއަދު ބޮޑުފުޅަދޫ އަށް ވަޑައިގެން އެ ރަށުގައި އަލަށް ތަރައްގީ ކުރި މިސްކިތް ހުޅުއްވާދެއްވި އިރު، އެމަނިކުފާނު ވަނީ އެރަށުގެ ބައެއް އެހެން ތަންތަނަށް ވެސް ޒިޔާރަތް ކުރައްވާފައެވެ.
އެގޮތުން އެމަނިކުފާނު ވަނީ އެރަށުގެ ގިރާ ސަރަހައްދަށް ވެސް ޒިޔާރަތްކުރައްވާ އެ ސަރަހައްދު ބައްލަވާލައްވާފައެވެ. އަދި އެ ރަށުގެ މެޖިސްޓްރޭޓް ކޯޓާއި، ސިއްހީ މަރުކަޒަށް ވެސް އެމަނިކުފާނު ޒިޔާރަތްކުރެއްވިއެވެ.
އެމަނިކުފާނު ބޮޑުފުޅަދޫ އަށް ކުރެއްވި މި ދަތުރުފުޅުގައި، ރަށުގެ އަންހެނުންގެ ތަރައްގީ އަށް މަސައްކަތްކުރާ ކޮމިޓީ އާއި، ކައުންސިލްގެ އިތުރުން ރައްޔިތުންނާ ވެސް ބައްދަލުކުރައްވާ ރަށުގެ ހުރި މައްސަލަތަކާއި، ހައްލުކުރަން ބޭނުންވާ ކަންކަމާ މެދު މަޝްވަރާކުރައްވާފައެވެ.
މި ދަތުރުފުޅުގައި އެމަނިކުފާނު ވަނީ މަތިވެރީއަށް ވެސް ޒިޔާރަތްކުރައްވާފައެވެ. މީގެ އިތުރަށް މި ދަތުރުފުޅުގައި އެމަނިކުފާނު ރަށްރަށުގައި ހިންގަމުންދާ މަޝްރޫޢުތައް ބައްލަވައިލައްވާ، ބައެއް މަޝްރޫޢުތަކުގެ ނިމުން ފާހަގަކުރައްވާނެ ކަމަށްވެސް މަބްރޫކް ވަނީ ވިދާޅުވެފައެވެ






