ވޯލްޑް ޓްރެވަލް އެވޯޑުގައި އިންޑިއާ ކަނޑުގެ އެންމެ މަގުބޫލު މަންޒިލަކަށް ރާއްޖެ ހޮވިއްޖެއެވެ. މިއީ ފާއިތުވި 17 އަހަރުގެ ތެރޭގައި ރާއްޖެ އިން މި އެވޯޑު ހާސިލު ކުރި 13 ވަނަ ފަހަރެވެ.
މި އެވޯޑުގައި އިންޑިއާ ކަނޑުގެ ކެޓަގަރީން ހަތަރު އެވޯޑެއް ރާއްޖެއަށް ވަނީ ލިބިފައެވެ. އެއީ މަގުބޫލު މަންޒިލާއި ލީޑިން ބީޗް ޑެސްޓިނޭޝަނާއި ލީޑިން ޑައިވް ޑެސްޓިނޭޝަނެވެ. އަދި މި ސަރަހައްދުގެ ލީޑިން ޓޫރިސްޓް ބޯޑުގެ އެވޯޑު ކާމިޔާބު ކުރީ މޯލްޑިވްސް މާކެޓިން އެންޑް ޕީއާރު ކޯޕްރޭޝަން (އެމްއެމްޕީއާރުސީ) އިންނެވެ.
އެމްއެމްޕީއާރުސީގެ މެނޭޖިން ޑިރެކްޓަރު ތޮއްޔިބު މުހައްމަދު ވިދާޅުވީ، މި އެވޯޑަކީ ރާއްޖެއަށް ފަތުރުވެރިކަމުގެ ދާއިރާއިން ލިބުނު ފަހުރެއް ކަމަށެވެ. އަދި މި ކަމުގައި ޓޫރިޒަމް ދައިރާގެ އެންމެންނަށް އޭނާ ޝުކުރު އަދާކުރެއްވިއެވެ.
މި އަހަރުގެ ޓްރެވެލް އެވޯޑުގައި ރެކޯޑު އަދަދަކަށް ވޯޓު ވަނީ ލިބިފައެވެ. އެހެންކަމުން މިއިން ދައްކުވައި ދެނީ ރާއްޖެއަކީ ފަތުރުވެރިން ގަބޫލު ކުރާ ރައްކާތެރި މަންޒިލެއް ކަން ކަމަށް އެމްއެމްޕީއާރުސީން ބުންޏެވެ.
ވޯލްޑް ޓްރެވެލް އެވޯޑުގައި ރާއްޖެ އިން ކޮންމެ އަހަރަކު ވެސް ތަފާތު އެވޯޑުތައް ހާސިލުކުރެ އެވެ. މީގެ ތެރޭގައި ދުނިޔޭގެ އެންމެ މަގުބޫލު އެއާޕޯޓް ރިސޯޓާއި އެންމެ މަގުބޫލް ހަނީމޫން ރިސޯޓާއި އެންމެ މަގުބޫލް ރޮމޭންޓިކް ރިސޯޓާއި އެންމެ މަގުބޫލް ލަގްޒަރީ އައިލެންޑް ރިސޯޓު ހިމެނެއެވެ.
މި އެވޯޑުގައި ރާއްޖެ އަށް އެންމެ ޝަރަފުވެރި އެވޯޑު ލިބުނީ މިދިޔަ އަހަރެވެ. އެއީ ދުނިޔޭގެ އެންމެ މަގުބޫލު މަންޒިލުގެ އެވޯޑެވެ.






