ގއ. ދާންދޫގައި އަލަށް އިމާރާތްކުރާ ފެނަކަ ކޯޕަރޭޝަންގެ އޮފީސް އިމާރާތުގެ ބިންގާ މިއަދު އަޅައިފިއެވެ.
އެ ރަށުގައި ބޭއްވި ރަސްމިއްޔާތެއްގައި މި އިމާރާތުގެ ބިންގާ އަޅުއްވައިދެއްވީ ފެނަކައިގެ މެނޭޖިން ޑިރެކްޓަރު އަހްމަދު ސައީދާއި ދާންދޫ ދާއިރާގެ މެންބަރު ޔައުގޫބް އަބްދުﷲއެވެ.
ފެނަކައިގެ ދާންދޫ ބްރާންޗުގެ މެނޭޖަރު އިބްރާހީމް ދީދީ ވިދާޅުވިގޮތުގައި މި އޮފީހުގެ މަަސައްކަތް ގާތްގަޑަކަށް ހަތަރު މަސްދުވަހުގެ ތެރޭގައި ނިމެނޭނެއެވެ. މި މަސައްކަތް ނިމުމުން އެ ރަށުގެ ފެނަކައިގެ މުވައްޒަފުންނަށާއި ހިދުމަތް ހޯދާ ފަރާތްތަކަށް ލުއި ވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
އިބްރާހިމް ދީދީ ވިދާޅުވީ އެ އޮފީސް އިމާރާތް ކުރަނީ ޒަމާނީ ފެންވަރަށް، މުވައްޒަފުންނަށް ރައްކާތެރި ތަނެއްގެ ގޮތުގައި ކަމަށެވެ. އަދި މީޓިން ރޫމާއި މެނޭޖަރު ރޫމެއް މި އިމާރާތުގައި ހަދާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
ފެނަކައިން އަންނަނީ އެ ކުންފުނީގެ ހިދުމަތްތައް ފުޅާކޮށް ރަށްރަށުގެ ކަރަންޓުގެ ކެޕޭސިޓީވެސް އިތުރު ކުރުމަށް މަސައްކަތް ކުރަމުންނެވެ. މިއަހަރު ތެރޭގައި ވެސް ގިނަ ރަށްތަކެއްގެ އާ އިންޖީނުގެތަކާއި އާ އޮފީސް އިމާރާތްތަކުގެ މަސައްކަތް ވަނީ ނިންމާލައިފައެވެ.






