ލ. ގަމުގެ ފަސް މިސްކިތަކާއި އިޖުތިމާއީ މަރުކަޒުގައި ސޯލާ ޕީވީ ސިސްޓަމް ހަރުކުރުމުގެ މަސައްކަތް ފަށާފައިވާ ކަމަށް ފެނަކަ ކޯޕަރޭޝަން ލިމިޓެޑުން ބުނެފިއެވެ.
އެ ކުންފުނިން ބުނީ، މި މަސައްކަތް ފެށީ ތެލަށް ބަރޯސާވާ މިންވަރު ކުޑަކޮށް، އިޔާދަކުރުވަނިވި ހަކަތައިގެ އަމާޒަށް ވާސިލުވުމަށް ފަށާފައިވާ ޕްރޮޖެކްޓުގެ ދަށުން ނެޓްމީޓަރުގެ އުސޫލުން ކަމަށެވެ.
މި ޕްރޮޖެކްޓުގެ ހަ އިމާރާތެއްގައި ޖުމްލަ 60 ކިލޯވޮޓް ޕީކްޕަވާގެ ސޯލާ ޕީވީ ހަރުކުރާނެއެވެ. މީގެ ސަބަބުން އެ ރަށު ކައުންސިލުން ކަރަންޓަށް ކުރާ ހަރަދު ބޮޑުތަނުން ލުއިވެގެން ދާނެ ކަމަށް ފެނަކައިން ބުންޏެވެ.
އެ ކުންފުނިން ބުނީ، މި މަޝްރޫއުގެ ސަބަބުން ދުވާލެއްގެ މައްޗަށް ޑީސަލް ބޭނުންކުރާ މިންވަރު 80 ލީޓަރު މަދުކުރެވޭނެ ކަމަށެވެ. އަދި މަހެއްގެ މައްޗަށް ފެނަކައަށް 2400 ލީޓަރުގެ ޑީސަލް ސަލާމަތް ކުރެވޭނެ ކަމަށް ވެސް ބުންޏެވެ.
މީގެ އިތުުރުން، ޖައްވަށް ބޭރުކުރާ ކާބަން ޑައިއޮކްސައިޑްގެ މިންވަރު މަހެއްގެ މައްޗަށް 5 ޓަނު މަދުކުރެވޭނެ ކަމަށް ވެސް ފެނަކައިން ބުންޏެވެ.






