ތިމަރަފުށީ ދާއިރާގެ މެންބަރު ޢަބުދުﷲ ރިޔާޟް ޖުމްހޫރީ ޕާޓީގައި ހުންނެވި ދުވަސްވަރު މަސައްކަތް ކުރެއްވީ "ޖޭޕީ" ޖަހައިގަންނަން ކަމަށް ޖޭޕީގެ ނައިބު ރައީސް އަހްމަދު ސައުދު ވިދާޅުވެއްޖެއެވެ.
ސައުދު މިހެން ވިދާޅުވީ، ޖޭޕީ ދޫކޮށްލީ ކުރިއަށް ދެވޭނެ އެއްވެސް ގޮތެއް ނެތިގެން ކަމަށް ރިޔާޟް ވިދާޅުވުމުންނެވެ.
ސައުދު ވިދާޅުވީ، ރިޔާޟް ބޭނުންފުޅުވި އެއްކަމަކީ މާލީ މަންފާ ހޯދުން ކަމަށާއި، ޖޭޕީގައި ހުންނެވި ދުވަސްވަރު ރިޔާޟް ވަނީ މާލީ މަންފާތައް ނަންގަވާފަ ކަމަށެވެ.
ރިޔާޟްއަކީ ޖުމްހޫރީ ޕާޓީގެ ޓިކެޓްގައި ތިމަރަފުށީ ދާއިރާއަށް އިންތިޚާބުވި ބޭފުޅެކެވެ. ނަމަވެސް މިހާރު ރިޔާޟް ގެންދަވަނީ މޯލްޑިވްސް ނެޝަނަލް ޕާޓީގެ ނަމުގައި އަމިއްލަ ޕާޓީއެއް އުފައްދަވައިގެން މެންބަރުޝިޕް އިތުރު ކުރުމުގެ މަސައްކަތް ކުރައްވަމުންނެވެ.
އެ ޕާޓީ އުފައްދަން ހުއްދަ ދިންތާ 2 މަހާއި 15 ދުވަސް ތެރޭ އެ ޕާޓީ މިހާރު ވަނީ 5 ހާސް މެންބަރުންނާއެކު ރަޖިސްޓަރީ ކޮށްފައެވެ.






