އައްޑޫ ސިޓީގައި ލޮލުރޯގާއާއި ވައިރަލް ހުން އަދި ޑެންގީ ފެތުރެމުންދާތީ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލް (އޭއީއެޗް) އިން އިލްތިމާސްކޮށްފި އެވެ.
އޭއީއެޗުން ނެރުނު ބަޔާނެއްގައި ބުނީ ޑެންގީ ހުމުގެ އެއްވެސް އަލާމާތެއް ފެނިއްޖެނަމަ ވީހާވެސް އަވަހަކަށް ޑޮކްޓަރަށް ދައްކާ ފަރުވާ ހޯދުމަށް އެދޭ ކަމަށެވެ. ޑެންގޫ ހުމުން ރައްކާތެރި ވުމުގެ ގޮތުން ވީހާވެސް ބޮޑަށް ހަށިގަނޑު ނިވާވާގޮތަށް ހެދުން އެޅުމާއި, ގެއާއި ގޯތި ތެރޭގައި އުޅޭއިރު މަދިރިން ރައްކާތެރިވުމަށް ބޭނުންކުރާ ޒާތުގެ ލޯޝަން ބޭނުންކުރުމާއި މަދިރި އާލާވާފަދަ ތަންތަން ނައްތާލުމަށް ވަނީ އިލްތިމާސްކޮށްފައެވެ.
ލޮލުރޯގާގެ އަލާމާތެއް ފެނިއްޖެ ނަމަ ވީހާވެސް އަވަހަށް ޑޮކްޓަރަށް ދައްކައި, ފަރުވާ ހޯދުމަށާއި އާއްމުން އުޅޭ ތަންތަނަށް ނުދިއުމަށް ވަނީ އިލްތިމާސްކޮށްފައެވެ.
މީގެ އިތުރުން ވައިރަލް ހުމުން ރައްކާތެރި ވުމުގެ ގޮތުން, ހުންއައިސް ކެއްސާ ކިނބިހި އަޅާނަމަ ފްލޫ ކްލިނިކަށް ދައްކައިގެން އަވަހަށް ފަރުވާ ހޯދުމަށާއި މީހުން އެއްވެ އުޅޭ ތަންތަނަށް ނުދިއުމާއި, ގިނަގިނައިން އަތް ދޮވުމުގެ އިތުރަށް ކެއްސާ ކިނބިހި އަޅާނަމަ އަނގަޔާއި ނޭފަތްނިވާކުރުމަށް ހޮސްޕިޓަލުން އެދިފައިވެއެވެ.






