މާލޭގައި ދިރިއުޅޭ މީހުން ދަތުރު ދާން ހަދާ ޕިކްނިކް އައިލެންޑުގެ މަސައްކަތް ފަށަން ސައިޓް މޮބިލައިޒް ކޮށްފިއެވެ.
މި މަސައްކަތް ހަވާލުކޮށްފައިވަނީ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ)އާއެވެ. އެ ކުންފުނީގެ ސީއީއޯ އާދަމް އާޒިމް ވިދާޅުވި ގޮތުގައި މި މަސައްކަތް ފަށަން ސައިޓް މޮބިލައިޒް ކޮށްފައިވަނީ މިއަދުއެވެ.
އާޒިމް މިއަދު ކުރެއްވި ޓްވީޓުގައި ވިދާޅުވީ ކ. ކުޑަގިރީގައި ތަރައްގީ ކުރާ މި ޕިކްނިކް އައިލެންޑް، ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވައުދުފުޅާ އެއްގޮތަށް އަންނަ އަހަރުގެ އޭޕްރިލް މަހުގެ ކުރިން ނިންމަން މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.
ކުޑަގިރީގައި ޕިކްނިކް އައިލެންޑް ތަރައްގީ ކުރުމަށް އެމްޓީސީސީއާ ހަވާލު ކުރީ މިދިޔަ ސެޕްޓެމްބަރު މަހުގައެވެ. އެ މަސައްކަތް އެ ކުންފުންޏާ ހަވާލުކޮށްފައި ވަނީ ފަސް މަސްދުވަހުގެ ތެރޭގައި ނިންމާ ގޮތަށެވެ.
ކުޑަގިރި ފަޅުގައި ދެ ރަށް ހިއްކަން ވަނީ ހަމަޖެހިފައެވެ. އެއީ އަށް ހެކްޓަރުގެ ޕިކްނިކް އައިލެންޑަކާއި ސޭންޑްބޭންކް ގޮތަށް ހަދާ 1.5 ހެކްޓަރުގެ ރަށެކެވެ.






