ރީޑިން ނެގުމަށްފަހު ވަގުތުން ބިލު ހަވާލުކުރެވޭނެ ހިދުމަތެއް ފެނަކަ ކޯޕަރޭޝަން ލިމިޓެޑުން މިއަދު ތައާރަފްކޮށްފިއެވެ.
މި ހިދުމަތް އެންމެ ފުރަތަމަ ތައާރަފް ކޮށްފައިވަނީ ގދ. ފަރެސްމާތޮޑާގައެވެ. އެ ރަށުގައި މި ހިދުމަތް ފަށަން ބޭއްވި ރަސްމިއްޔާތުގައި ފެނަކައިގެ މެނޭޖިން ޑިރެކްޓަރު އަހްމަދު ސައީދާއި ހެލްތް މިނިސްޓަރު އަހްމަދު ނަސީމާއި ޕްލޭނިން މިިސްޓަރު މުހައްމަދު އަސްލަމް ބައިވެރިވަޑައިގެންނެވިއެވެ.
ފެނަކައިން ބުނިގޮތުގައި މި ހިދުމަތް ތައާރަފް ކުރެވުމާއެކު ބިލުތަކުގައި ދިމާވާ މައްސަލަތައް ދެނެގަނެ، އެކަމަށް އަވަސް ހައްލެއް ހޯދައިދެވޭނެއެވެ. އަދި ގޭގައި ބަހައްޓާފައި ހުންނަ މީޓަރުން ރީޑިން ނެގުމާއެކު، ހިދުމަތް ލިބިގަންނަ ފަރާތައް އެމީހާ ދައްކަން ޖެހޭ ފައިސާގެ ތަފްސީލު ވަގުތުން ލިބޭނެ ކަމަށް ވެސް ބުންޏެވެ.
ބިލު ވަގުތުން ލިބުމާއެކު “ފެނަކަ ބިލް ޕޭ” އެޕްލިކޭޝަން މެދުވެރިކޮށް ވަގުތުން ފައިސާ ދެއްކޭނެ އިންތިޒާމު ވެސް ހަމަޖެހޭނެއެވެ.
މީގެ އިތުރުން، ބިލުގައި މައްސަލައެއް ވާނަމަ ލަސްނުކޮށް ފެނަކައިގެ މުވައްޒަފުންނަށް އެކަން އެންގުމަށް ފަސޭހަވެގެން ދާނެ ކަމަށް ވެސް ފެނަކައިން ބުންޏެވެ.
މި އެޕްލިކޭޝަން ތައާރަފް ކުރެވުމާއެކު، ބިލް ޕްރިންޓު ކުރުމަށް ފެނަކައިން ކުރާ ހަރަދު އެތައް ގުނައެއް ދަށް ކުރެވޭނެެ ކަމަށް އެ ކުންފުނިން ބުންޏެވެ. ރީޑިން ޑިވައިސް މެދުވެރިކޮށް ނެގޭ ބިލުތަކަކީ ތާމަލް ޕްރިންޓް ކުރެވޭ ބިލުތަކެކެވެ. އެހެންވެ، އޭގެ ޕްރިންޓު ކުރަން ހޭދަވާ ހަރަދު ކުޑަ ކުރެވޭނެއެވެ.
ފެނަކައިގެ އަމާޒަކީ ފަންނީ ގާބިލު މުވައްޒަފުންނާއެކު ހިދުމަތުގެ ފަހަތުން ރައްޔިތުމީހާ ދުވާ ދުވުން ހުއްޓުވުން ކަމަށް އެ ކުންފުނިން ބުންޏެވެ.






