Close

އަންހެން ފުލުހުންނަށް ހާއްސަކޮށްގެން ކޮންފަރެންސްއެއް ބާއްވައިފި

ދިވެހި ފުލުހުންގެ ޚިދުމަތުގެ އަންހެން އޮފިސަރުންނަށް ހާއްސަކޮށްގެން 'މޯލްޑިވްސް ވިމެން އިން ޕޮލިސިންގ' ކޮންފަރެންސް ބާއްވައިފިއެވެ.

މި ކޮންފަރެންސް ބާއްވާފައިވަނީ މިއަދު އިސްކަންދަރުކޮށީގައެވެ. މިކޮންފަރެންސް ފެށުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ހަމީދެވެ. އެ ރަސްމިއްޔާތުގައި، ފުލުހުންގެ އެގްޒެކެޓިވް އޮފިސަރުންވެސް ބައިވެރިވެލެއްވިއެވެ.

އެ ރަސްމިއްޔާތުގައި ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ހަމީދު ދެއްކެވި ވާހަކަފުޅުގައި، ރާއްޖޭގައި ފުލުހުންގެ ތެރޭގައި އަންހެނުން އަދާކުރަމުންދާ ދައުރަށް ބޮޑެތި ބަދަލުތަކެއް އައިސްފައިވާކަމަށާ ހާއްސަކޮށް ފާއިތުވި ދެ އަހަރެއްހާ ދުވަހުގެ ތެރޭގައި ފުލުހުންގެ ހިދުމަތުގައި އަންހެނުން އަދާކުރަމުންދާ ދައުރަށް ބޮޑެތި ބަދަލުތަކެއް އައިސްފައިވާކަމަށް ވިދާޅުވިއެވެ.

އެގޮތުން ފުލުހުންގެ ހިދުމަތުގައި ފުރަތަމަ ފަހަރަށް ޗީފް އިންސްޕެކްޓަރ ރޭންކުން ސްޕްރިންޓެންޑެންޓް އޮފް ޕޮލިސްގެ ރޭންކަށް އަންހެން ތިން އޮފިސަރުން ޕްރޮމޯޓްކޮށް، ފުރަތަމަ ފަހަރަށް ފުލުހުންގެ ތެރޭގައި މޯލްޑިވްސް ވިމެން އިން ޕޮލިސިންގ ކޮމިޓީއެއް އެކުލަވާލައި މަސައްކަތްތަކެއް ކުރެވިގެންދިޔަކަމަށް ވިދާޅުވިއެވެ. އަދި މި ކޮމިޓީ، މަދު ދުވަސްތަކެއްގެ ތެރޭގައި އިންތިހާބުވެގެން ދާނެކަމަށާއި އަންހެނުންނަކީވެސް ފުލުހުންގެ ހިދުމަތުގައި މުހިންމު ދައުރެއް އަދާކުރެވިދާނެ ބައެއްކަމަށާއި މިހާރުވެސް ފުލުހުންގެ އެކި ދާއިރާތަކުގައި އަންހެނުން މުހިންމު މަސައްކަތްތަކެއް ކުރަމުންދާކަން ފާހަގަކުރެއްވިއެވެ.

ދިވެހިރާއްޖޭގައި ހުންނަ އިނގިރޭސިވިލާތުގެ ހައިކޮމިޝަނާ ގުޅިގެން ކުރިއަށް ގެންދިޔަ އެ ކޮންފަރެންސަކީ އެކި ދާއިރާތަކުން އަންހެން އޮފިސަރުން ބާރުވެރިކުރުވުމަށް ކުރިއަށް ގެންދިޔަ ކޮންފަރެންސެކެވެ.

އެގޮތުން، ހިންގުމުގެ ދާއިރާގެ ހުނަރުތަކާއި އެ ހުނަރުތައް އިތުރަށް ތަރައްގީ ކުރުމާއި، އަމިއްލަ ނަފްސުގެ ތަރައްގީއަށް މަސައްކަތްކުރުމުގެ އިތުރުން މުސްތަގުބަލަށް ކަންކަން ރާވައި ހިންގުމަށް މަސައްކަތްކުރާނެ ހުނަރުތައް ކިޔައިދީަފއިވެއެވެ.

މާލެއާއި އަތޮޅުތައް ހިމެނޭހެން އެކި ދާއިރާތަކުން 23 އަންހެން އޮފިސަރުން އެ ކޮންފަރެންސްގައި ބައިވެރިވިއެވެ.

ގުޅުންހުރި ލިޔުންތައް

ހިޔާލު ފާޅު ކުރައްވާ!

ކޮމެންޓް

Your email address will not be published. Required fields are marked *

scroll to top