Close

"ގޯލްޑް 100 ގާލާ" ޙަފްލާ ބާއްވައިފި

ވިޔަފާރީގެ ދާއިރާއިން ރާއްޖޭގައި ފާހަގަކޮށްލެވޭ އެންމެ ކާމިޔާބު 100 ކުންފުންޏެއް ހޮވައި އެވޮޑް ދިނުމަށްބާއްވާ "ގޯލްޑް 100 ގާލާ" ޙަފްލާ ބާއްވައިފި އެވެ.

"ގޯލްޑް 100" އަކީ ވިޔަފާރީގެ ދާއިރާއިން ރާއްޖޭގައި ފާހަގަކޮށްލެވޭ އެންމެ ކާމިޔާބު 100 ކުންފުންޏެއް ހޮވައި ދޭ އެވޯޑެކެވެ. ރޭގެ ޙަފްލާގައި މި ފަހަރު މިއެވޯޑް ޙާޞިލުކުރި 100 ކުންފުންޏަށް އެވޯޑް ހަވާލުކުރެވުނެވެ. ކޯޕަރޭޓް މޯލްޑިވްސްއިން އިންތިޒާމުކޮށްގެން ބާއްވަމުން އަންނަ މި ހަފްލާ ބާއްވާފައިވަނީ ރޭ ކްރޮސްރޯޑް މޯލްޑިވްސްގައެވެ.

މިހަފްލާ ސަރަފްވެރިކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް އެވެ.

މި ޙަފްލާގައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި ކޯވިޑްގެ ބަލިމަޑުކަމަށްފަހު ރާއްޖޭގެ އިޤްތިޞާދަށް ޚާއްޞަކޮށް ފަތުރުވެރިކަމުގެ ދާއިރާއަށް ކުރިމަތިވި ގެއްލުންތަކުގެ މައްޗަށް އަލިއަޅުވާލެއްވިއެވެ. އަދި ކޯވިޑްގެ ބަލިމަޑުކަމަށްފަހު އިޤްތިޞާދީ ޙަރަކާތްތައް އަލުން ފަށައި، އިޤްތިޞާދު ރަނގަޅުވާން ފަށާފައިވާކަން ވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ. އެގޮތުން މިހާރު ރާއްޖެއަށް ފަތުރުވެރިން ޒިޔާރަތް ކުރާ ނިސްބަތް ހުރީ، ކޯވިޑްގެ ކުރިން ޢާންމުކޮށް ރާއްޖެއަށް ފަތުރުވެރިން ޒިޔާރަތްކުރާ މިންވަރާ އަޅައި ބަލާއިރު 70 އިންސައްތައިގައި ކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި ކޯވިޑްގެ ސަބަބުން ކުރިމަތިލާންޖެހުނު ގެއްލުންތައް ފޫބައްދައި އިޤްތިޞާދު ދެމެހެއްޓުމުގައި ވިޔަފާރިތަކުން އަދާކުރި މުހިންމު ދައުރު ވެސް ފާހަގަކުރެއްވިއެވެ. ހަމަ އެހެންމެ ކޯވިޑްގެ އެންމެ ދަތި ދުވަސްވަރުވެސް، ރާއްޖޭގެ ވިޔަފާރިތައް ދެމެހެއްޓުމަށްޓަކައި ބޮޑެތި ވިޔަފާރިތަކާ ކުދި ވިޔަފާރިތަކަށް ވެސް، ސަރުކާރުން އެހީތެރިކަން ފޯރުކޮށްދެމުން ގެންދިޔަކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، މި ޙަފްލާގައި އެވޯޑް ޙާޞިލްކުރި ވިޔަފާރިތަކަކީ، އީޖާދީ، އުފެއްދުންތެރިކަމާއެކު ކުރިމަގަށް ވިސްނައިގެން ހިންގާ ނަމޫނާ ވިޔަފާރިތަކެއްގެ ގޮތުގައި ފާހަގަކުރެއްވިއެވެ.

އަދި މި ޙަފްލާގައި ރައީސުލްޖުމްހޫރިއްޔާ ވަނީ "ގޯލްޑް 100" މެގަޒިން ރަސްމީގޮތުން ނެރެދެއްވާފައެވެ. މީގެ އިތުރުން މި ޙަފްލާގައި، ލައިފްޓައިމް އެޗީވްމަންޓް އެވޯޑް ޙާޞިލުކުރި ދެ ބޭފުޅުންނަށް ވެސް ރައީސުލްޖުމްހޫރިއްޔާ ވަނީ އެވޯޑް ހަވާލުކޮށްދެއްވާފައެވެ.

"ގޯލްޑް 100 ގާލާ" ޙަފްލާއަކީ ރާއްޖޭގެ ވިޔަފާރިވެރިންގެ އެންމެ އިސް ފަރާތްތައް އެއްތަނަކުން ބައްދަލުވެ، ވިޔަފާރީގެ އާ ފުރުޞަތުތައް ހޯދާފަރާތްތަކަށް ވެސް އެފުރުޞަތު ފަހިކޮށްދިނުމުގެ ގޮތުން ބާއްވާ ޙަފްލާއެކެވެ. މި ޙަފްލާގައި ރާއްޖޭގެ ވިޔަފާރިވެރިންނާއި ވިޔަފާރިތަކުގެ ޗެއަރމަނުންނާއި، މެނޭޖިންގ ޑިރެކްޓަރުންނާއި، ސީ.އީ.އޯ. އިންނާއި، ވިޔަފާރިތަކުގައި ހަރަކާތްތެރިވާ އިސްފަރާތްތަކުން ބައިވެރިވެލެއްވިއެވެ.

ގުޅުންހުރި ލިޔުންތައް

ހިޔާލު ފާޅު ކުރައްވާ!

ކޮމެންޓް

Your email address will not be published. Required fields are marked *

scroll to top