Close

ސިފައިންގެ މީހާއަށްދިން ހަމަލާ، ޤައުމީ ދިފާޢީ ބާރުން ކުށްވެރިކޮށްފި

ރޭގެ ދަންވަރުގެ ވަގުތެއްގައި އެމް.އެން.ޑީ.އެފް ގައި މަސައްކަތް ކުރައްވާ ސްޓާފް ސާޖަންޓް ޙަސަން ފަހީމް، ރަހީނުކޮށް އަނިޔާތަކެއް ދީފައިވާތީ، ދިވެހިރާއްޖޭގެ ޤައުމީ ދިފާޢީ ބާރުން އެކަން ހަރުކަށި އިބާރާތުން ކުށްވެރިކޮށްފި އެވެ.

އެއިދާރާއިން ވަނީ މިކަން ކުށްވެރިކޮށް ނޫސްބަޔާނެއް ނެރެފަ އެވެ. އެނޫސްބަޔާނުގައި ބުނެފައިވަނީ ރޭގެ އަނިޔާވެރި ހަމަލާ ދިނުމުގައި ބައިވެރިވި ފަރާތްތައް ހޯދައި، އިންސާފުގެ ކުރިމައްޗަށް ގެނައުމަށް ކުރަންޖެހޭ މަސައްކަތްތައް މޯލްޑިވްސް ޕޮލިސް ސަރވިސްއިން ކުރަމުންދާކަމަށާއި ސިފައިންނަށް ދޭ ފިނޑި ހަމަލާތަކުގެ ސަބަބުން ޤައުމީ ޚިދުމަތުގައި ސިފައިން ކުރަމުންދާ މަސައްކަތަށް އެއްވެސް ލޮޅުމެއް އަރުވައި ނުލެވޭނެކަމަށެވެ.

"ރައްޔިތުންގެ ހިތްތަކުގައި ބިރުވެރިކަން އުފައްދައި، ނުރައްކަލުގެ ތެރެއަށް ގެންދަން މަސައްކަތްކުރާ މިފަދަ ފަރާތްތަކުން ކުރަމުންދާ ޢަމަލުތަކަކީ އެއްވެސް ފަރާތަކުން ޖާގަ ދެވިގެންވާނެ ޢަމަލުތަކެއް ނޫންކަން ފާހަގަ ކުރަން"

އެނޫސް ބަޔާނުގައި ބުނެފައިވެއެވެ.

ސްޓާފް ސާޖަންޓް ޙަސަން ފަހީމްއަށް ލިބިފައިވާ ޒަޚަމްތަކަށް ހޮސްޕިޓަލުގައި ފަރުވާދިނުމަށް ފަހު މިއަދު ގެއަށް ދޫކޮށްލާފައިވާ އިރު، އޭނާގެ ހާލަތު ލީޑަރޝިޕުން ވަރަށް ގާތުން ބަލަމުން ދާކަމަށް ބުނެފައިވެއެވެ.

އެގޮތުން ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ އަދި ސިފައިންގެ އެންމެ މަތީ ވެރިޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، މިނިސްޓަރ އޮފް ޑިފެންސް އަލްއުސްތާޛާ މާރިއާ އަޙްމަދު ދީދީއާ ގުޅުއްވައި ސްޓާފް ސާޖަންޓް ޙަސަން ފަހީމްގެ ހާލު ބެއްލެވުމުގެ އިތުރުން، މިނިސްޓަރ އޮފް ޑިފެންސް އަލްއުސްތާޛާ މާރިޔާ އަޙުމަދު ދީދީ ވަނީ ސްޓާފް ސާޖަންޓް ޙަސަން ފަހީމްގެ އަނބިކަނބަލުންނަށް ފޯނުންގުޅުއްވައި، މިކަމުގައި ވެދެއްވެންހުރި ހުރިހާ އެހީތެރިކަމެއް ސަރުކާރުން ވެދެއްވާނެ ކަމުގެ ޔަޤީންކަން ދެއްވާފައެވެ.

އެމް.އެން.ޑީ.އެފްގެ ސީނިއަރ ލީޑަޝިޕުން ވަނީ މިއަދު ހޮސްޕިޓަލަށް ޒިޔާރަތް ކުރައްވައި، ސްޓާފް ސާޖަންޓް ޙަސަން ފަހީމްގެ ހާލު ބައްލަވާ ލައްވާފައެވެ.

ގުޅުންހުރި ލިޔުންތައް

ހިޔާލު ފާޅު ކުރައްވާ!

ކޮމެންޓް

Your email address will not be published. Required fields are marked *

scroll to top