ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު ހަސަން މުޣުނީއަށް އަނެއްކާވެސް ޝަރަފުވެރި އެވޯޑެއް ލިބިއްޖެއެވެ.
މުޣުނީއަށް މިފަހަރު ލިބުނީ އޭޝިއާގެ އެންމެ ޝަރަފުވެރި އެއް އެވޯޑް ކަމަށްވާ، މޯސްޓް އިންސްޕަޔަރިން އެގްޒެކެޓިވްސްގެ އެވޯޑެވެ. މިއީ އޭޝިއާ ސަރަހައްދުގައި ފާހަގަކޮށްލެވޭ މެލޭޝިއާގެ މޯސް ގުރޫޕުން އިންތިޒާމްކޮށްގެން ދޭ “އޭޝިއާސް ކޯޕަރޭޓް އެކްސެލެންސް އެންޑް ސަސްޓެއިނަބިލިޓީ އެވޯޑްސް 2021″ގައި ދޭ އެވޯޑެކެވެ. މި އެވޯޑު ދިވެއްސަކަށް ލިބުނު މިއީ ފުރަތަމަ ފަހަރެވެ.
ވޭތުވެދިޔަ އަހަރުތަކުގައި ދުނިޔޭގެ ފާހަގަކޮށްލެވޭ ބޮޑެތި ކުންފުނިތައް ކަމަށްވާ ސެމްސަންގާއި އޭޝިއާ، ޓާޓާ ގުރޫޕް، ޑީއެޗްއެލް، ކެސްޕާސްކީގެ އިތުރުން ނެސްލޭ ފަދަ ބޮޑެތި ކުންފުނިތަކުންވެސް ވަނީ އެކި ކެޓަގަރީތަކުން މި އެވޯޑް ހާސިލުކޮށްފައެވެ.
މުޣުނީއަށް މި އެވޯޑު ލިބުނީ ފާއިތުވެދިޔަ ތިން އަހަރު ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރުގެ ހައިސިއްޔަތުން ކުންފުންޏާއި އެނާޖީ ސެކްޓާގެ ކުރިއެރުމަށް ކުރައްވަމުންގެންދަވާ މަސައްކަތްތަކާއި ކުރިއާއި އަޅާބަލައި އިރު، ތިން އަހަރުގެ ތެރޭ ކުންފުނި ކުރިއަރައި ގެންގޮސްފައިވާ ސްޕީޑާ ގުޅިގެންނެވެ. އަދި ސްޓެލްކޯގެ ހިންގުން ހަރުދަނާ ކުރެވި، ކޯޕަރޭޓް ގަވަނެންސްގެ ދާއިރާއިން ކުންފުނިން ހޯދަމުންދާ ކުރިއެރުންތަކާއެކު 2020 ވަނަ އަހަރު ކޯޕަރޭޓް ގަވަނެންސް އެންމެ ރަނގަޅު ކުންފުންޏަކަށް ސީއެމްޑީއޭ އިން ދޭ “ސީޖީ އެފޯޓްސް އެވޯޑް” ލިބިފައިވުމަކީވެސް މުޣުނީއަށް އެވޯޑް ލިބުނު ސަބަބެކެވެ.
މީގެ ކުރިން މުޣުނީއަށް ވަނީ އޭޝިއަން އެޗްއާރު ލީޑާޝިޕް އެވޯޑްސްގެ “އެގްޒެމްޕްލަރީ ލީޑާ އޮފް ދަ އިޔާ” އަދި އޭޝިއާސް ބެސްޓް އެމްޕްލޯޔާ ބްރޭންޑް އެވޯޑްސްގެ “އިމާޖިން ލީޑާ އޮފް ދަ އިޔާ”ގެ އެވޯޑްވެސް ލިބިފައެވެ. އަދި 2019 ވަނަ އަހަރު މޯލްޑިވްސް ބިޒްނަސް އެވޯޑްސްގައި ސަރުކާރު ކުންފުނިތަކުގެ ތެރެއިން އެންމެ ރަނގަޅު ކުންފުނީގެ އެވޯޑް ސްޓެލްކޯއަށް ލިބުމާއި މި އަހަރުގެ އޭޝިއަން އެޗްއާރު ލީޑާޝިޕް އެވޯޑްސްގެ “އެވޯޑް ފޯ އިންސްޓިޓިއުޝަން ބިލްޑިން” ގެ އެވޯޑް ވެސް މުޣުނީގެ މެނޭޖްމަންޓުގެ ދަށުން ސްޓެލްކޯއަށް ވަނީ ލިބިފައެވެ.






