ރާއްޖޭގެ 100 އިންސައްތަ ހިއްސާ އޮންނަ ޝިޕިންގ ކުންފުނި، މޯލްޑިސް ސްޓޭޓް ޝިޕިން (އެމްއެސްއެސް) ގެ އަމިއްލަ ފުރަތަމަ ބޯޓު، "އެމްއެސް ގަލޭނާ" ފުރަތަމަ ފަހަރަށް މުދަލާއެކު ރާއްޖެ އަތުވެއްޖެއެވެ.
މި ބޯޓު ރާއްޖެ އައީ މިއަދު ހެނދުނުއެވެ. މާލެ ވިޔަފާރި ބަނދަރުގައި ބޭއްވި ރަސްމިއްޔާތެްްގައި އެ ބޯޓަށް އެމްއެސްއެސް އާއި އެސްޓީއޯ އާއި އެމްޕީއެލް އަދި ޓްރާންސްޕޯޓް އޮތޯރިޓީގެ އިސްވެރިން ވަބީ މަރުހަބާ ކިޔައިފައެވެ.
ގަލޭނާގެ ކާގޯ ދަތުރުތައް ފެށުމުގެ ރަސްމިއްޔާތުގައި އެމްއެސްއެސްގެ ޖެނެރަލް މެނޭޖަރ، ކެޕްޓަން މުހައްމަދު ނާޒިމް ވިދާޅުވީ މި ބޯޓަކީ 680 ކޮންޓެއިނާގެ ޖާގައާއި 60 ޓަނުގެ ކްރޭން އަދި 60 ފީފާ އުފުލޭވަރުގެ ބޮޑު ބޯޓެއް ކަމަށެވެ. އަދި އަމާޒަކީ މާލޭއާއި ކޮލޮމްބޯއާއި ދެމެދު ކޮންމެ 8 ދުވަހަކުން ދަތުރެއް ބޭއްވުންކަމަށް އޭނާ ވިދާޅުވިއެވެ.
އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަ އަބްދުﷲ ސައީދު ވިދާޅުވީ އެ ކުންފުނީގެ އަމާޒަކީ މިހާރު ބޭނުންކުރަމުން އަންނަ ޗާޓަރު ބޯޓުތައް އެއްކޮށް ދޫކޮށްލުންކަމަށެވެ. އަދި އެގޮތުން މިހާރު ގެނެސްފައިވާ އެމްއެސްއެސް ގަލެނާގެ އިތުރުންވެސް ބޯޓެއް ހޯދުމަށް އެކުންފުނިން ދަނީ މަސައްކަތް ކުރަމުންކަމަށް ސައީދު ވިދާޅުވިއެވެ. އެގޮތުން އަންނަ އަހަރު އެ ކުންފުނީގެ ފްލީޓު އިތުރު ކުރާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
މީގެ އިތުރުން މެރިޓައިމް ދާއިރާއިން މީހުން ބިނާ ކުރުމުގެ މަސައްކަތް ވެސް ކުރިއަށް އޮތް އަހަރު ކުރިއަށްގެންދާނެ ކަމަށް ސައީދު ވިދާޅުވިއެވެ.
މި ބޯޓު ގަނެގެން އެންމެ ފުރަތަމަ ރާއްޖެ ގެނައީ މިދިޔަ އޮކްޓޯބަރު މަހުގެ 30ގައެވެ. އެއަށަފަހު ލަންކާއަށް ރީބްރޭންޑް ކުރުމަށް ގެންގޮސް، މިއަދު ބޯޓު އައީ ކޮލަމްބޯއިން މުދާ ބަރުކޮށްގެންނެވެ.
މިއަދު ބޯޓު އައި އިރު 229 ކޮންޓެއިނާގެ މުދާ ވަނީ ގެނެސްފައެވެ.






