މާލޭ ސިޓީ ކައުންސިލް ރީބްރޭންޑް ކޮށްފިއެވެ.
މާލެ ސިޓީ ކައުންސިލް ރީބްރޭންޑް ކޮށްފައި ވަނީ ސިޓީ ކައުންސިލްގެ ހަތަރު ވަނަ ދައުރަށް ހަ މަސް ފުރުމާއި ގުޅިގެން ރޭ ބޭއްވި ހާއްސަ ޖަލްސާއެއްގަ އެވެ.
މި ޖަލްސާގައި ކައުންސިލްގެ އާ ލޯގޯ، ދިދަ އަދި އާ ޔުނިފޯމެއް ވަނީ ތައާރަފު ކޮށްފަ އެވެ.
މީގެއިތުރުން މި ރަސްމިއްޔާތުގައި މާލޭގެ ލޭންޑް ޔޫސް ޕްލޭންގެ ޑްރާފްޓް ހުށަހަޅާފައިވާއިރު، ސިޓީ ކައުންސިލްގެ މަސައްކަތްތަކުގައި ބޭނުންކުރުމަށާ އެކިއެކި މުނާސަބާތަކުގައި ބޭނުންކުރުމަށް ސިޓީ ކައުންސިލްގެ ރަސްމީ ލަވަ ވެސް ވަނީ އިފްތިތާޙް ކޮށްފައެވެ. އަދި ކައުންސިލުން ނެރޭ މަޖައްލާ "އަތަމަނަ" ވެސް ތައާރަފް ކުރިއެވެ.
ސިޓީ ކައުންސިލްގެ އާ ލޯގޯ އިން ރަމްޒު ކޮށްދެނީ މާލެ ސިޓީގައި ހިމެނޭ ހަ އަވަށެވެ. ސިޓީ ކައުންސިލުން ބުނީ ލޯގޯގެ މެދުން މާލޭގެ ހަތަރު އަވަށް ކަމަށްވާ ހެންވޭރު، މާފަންނު، ގަލޮޅު އަދި މައްޗަންގޮޅި ރަމްޒުކޮށްދޭނެ ކަމަށެވެ. އަދި ދެފަރާތުން ރަމްޒުކޮށްދެނީ ވިލިމާލެ އާއި ހުޅުމާލެ ކަމަށެވެ.
އަދި އާ ލޯގޯގެ މެދުގައި ބޭނުންކޮށްފައި ވަނީ މާލޭގަ ހަތަރު އަވަށުގެ ކުލަތަކެވެ. އަދި ދެ ފަރާތުގައި ވިލިމާލެ އަދި ހުޅުމާލެ ރަމްޒު ކޮށްދޭ ކުލަތަކެވެ. މި ކުލަތައް އެކުލަވައިލަން ބޭނުންކޮށްފައި ވަނީ އިހުޒަމާނުގެ ވެރިކަމުގެ ސިއްކައިގެ ފަރުމާގައި ބޭނުންކޮށްފައިވާ ދުވާ ރޮނގެެއް ކަމަށް ކައުންސިލުން ބުންޏެވެ.
ރޭގެ ރަސްމިއްޔާތުގައި ވަނީ މާލޭ ނިސިޕަލްޓީއާއި ކައުންސިލަށް ޚިދުމަތްކުރައްވައި ރިޓަޔަރ ކުރައްވާފައިވާ ފަރާތްތަކުގެ އަގުވަޒަންކޮށްފައެވެ.






