ކަރަންޓީން ނުވެ ފަތުރުވެރިންނަށް ސްވިޒަލޭންޑަށް އެރުމުގެ ހުއްދަ ދީފިއެވެ.
ސްވިޒަލޭންޑް ސަރުކާރުން ހާމަކޮށްފައިވާ ގޮތުގައި ކަރަންޓީން މުއްދަތު އުވާލާ އެގައުމަށް އެތެރެވާ ފަތުރުވެރިންނަށް ލުއި ދީފައިވާއިރު، އެގައުމަށް ދަތުރުކުރާ ފަތުރުވެރިންނަށް އެތެރެވުމަށް އަލަށް ހެދިފައިވާ ޤަވާޢިދުގެ ތެރޭގައި ހިމެނެނީ ޕީ.ސީ.އާރް ނެގެޓިވް ނަތީޖާ އެކެވެ.
މީގެ އިތުރުން އެގައުމަށް އެތެރެވުމަށްފަހު 4 ވަނަ ދުވަހުއާއި 7 ވަނަ ދުވަހާއި ދެތެރޭގައި ރެޕިޑް އެންޓިޖެން ޓެސްޓެއް ހެދަންޖެހެއެވެ. މިޓެސްޓް ހަދަން ޖެހެނީ ފަތުރުވެރިޔާ އަމިއްލަ ޚަރަދުގައި ކަމަށާއި، ވެކްސިން ފުރިހަމަކޮށްފައިވާ ފަރާތްތަކުންވެސް މިޓެސްޓް ހަދަންޖެހޭކަމަށް އެގައުމުގެ ސަރުކާރުން ހާމަކޮށްފައިވެއެވެ.
ޕީ.ސީ.އާރް ނެގެޓިވް ރިސަލްޓެއް އޮތް ނަމަވެސް ދަތުރު ކުރާ ދުވަހުގަޔާއި އޭގެ ފަހުންވެސް ކޮވިޑްއަށް ޕޮސިޓިވްވެދާނެކަމަށް ބަލައި، އަދި މިހާރު ފެތުރެންފަށާފައިވާ އޮމިކްރޯން ވޭރިއަންޓްއިންވެސް ދިފާއުވުމަށް އެގައުމުން އަޅާފައިވާ ފިޔަވަޅެއްކަމަށްވެސް ސްވިސް ފެޑެރަލް ކައުންސިލްއިން ހާމަކޮށްފައިވެއެވެ.
ކަރަންޓީން މުއްދަތު އުވާލާފައިވަނީ ފިނި މޫސުމުގެ ބަންދުގައި އެގައުމަށް ޒިޔާރަތްކުރާ ފަތުރުވެރިންނަށް ފަސޭހަކުރުމުގެ ގޮތުންކަމަށްވެސް ފެޑެރަލް ކައުންސިލްއިން ބުނެފައިވެއެވެ.
ގިނަ ގައުމުތަކެކޭ އެއްފަދައިން އޮމިކްރޯން ވޭރިއަންޓާއި ކޮވިޑްގެ ހާލަތު ގޯސް ގައުމުތަކުން ސްވިޒަލޭންޑަށް އެތެރެނުވެވޭނެކަމަށްވެސް އެ ކައުންސިލްއިން ބުނެފައިވެއެވެ.






