އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ގައި ތިއްބެވި ތިން މެންބަރުން ކޮމިޝަންގެ މެންބަރު ކަމުން މިއަދު އިސްތިއުފާ ދެއްވައިފި އެވެ.
އެ މެންބަރުން އިސްތިއުފާ ދެއްވާފައިވާ ކަމަށް އޭސީސީއާއި ރައީސް އޮފީހުން ވަނީ ޔަގީންކޮށްދީފަ އެވެ.
އޭސީސީގެ މެންބަރުންގެ ގޮތުގައި އެންމެ ފަހުން ތިއްބެވީ ކޮމިޝަންގެ ރައީސް މަރިޔަމް ޝިއުނާ އާއި ނައިބް ރައީސް ފާތިމަތު އަނޫލާ އާއި މެންބަރު އައިޝަތު އަބްދުﷲ އެވެ. މި ތިން ބޭފުޅުންގެ ކުރިން އަލީ އަޝްރަފާއި، އިބްރާހީމް ޝަކީލް ވެސް ވަނީ އިސްތިއުފާ ދެއްވާފަ އެވެ.
އޭސީސީގެ ބާކީތިއްބެވި މެންބަރުން އިސްތިއުފާ ދެއްވާފައި މިވަނީ އެ ބޭފުޅުން މަގާމުން ވަކިކުރުމަށް ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީން އިއްޔެގެ ވަގުތެއްގައި ދެވަނަ ފަހަރަށް ފާސްކޮށްފައި ވަނިކޮށެވެ.






