ރާއްޖޭގެ ޤައުމީ އެއާލައިން، މޯލްޑިވިއަން ހިންގާ އައިލެންޑް އޭވިއޭޝަން އާއި ގައުމީ ޔުނިވާސިޓީ އާއި ގުޅިގެން ހިންގަން ނިންމާފައިވާ ފްލައިންގ ސްކޫލް މާދަމާ ހުޅުވާނެކަމަށް މޯލްޑިވިއަން އިން ބުނެފި އެވެ.
އައްޑޫ ސިޓީ ގަމުގައި ފްލައިން ސްކޫލް ހިންގަން މޯލްޑިވިއަން އާއި އެމްއެންޔޫ އިން ވަނީ ޖޮއިންޓް ވެންޗަރ ކުންފުންޏެއް އުފައްދަވާފައެވެ. މި ސްކޫލް ހިންގުމަށް އެމްއެންޔޫއިން 2 މިލިއަން ޑޮލަރު ހަރަދުކުރާނެކަމަށް އެ ޔުނިވާސިޓީން ވަނީ ބުނެފައެވެ. އަދި ފްލައިންގ ސްކޫލް ހިންގުމަށް ގަން އެއާޕޯޓުގައި ހުންނަ ހެނގަރާއި އޮފީސް އިމާރާތެއް ކުއްޔަށް އެ ކުންފުނިން ނަގާނެއެވެ.
މި ސްކޫލް މާދަމާ ހުޅުވަން ތައްޔާރުވެފައިވާއިރު، ފްލައިން ސްކޫލް ހިންގަނީ މޯލްޑިވިއަންއާއި ޗެކް ރިޕަބްލިކްގެ ފްލައިން ސްކޫލާއި ގުޅިގެންނެވެ. އެކަމަށް ޗެކް ރިޕަބްލިކް ފްލައިންގ ސްކޫލް ހޮވާފައި ވަނީ އޯޕަން ބިޑަކުންނެވެ.
އައްޑޫގައި ހިންގާ ފްލައިން ސްކޫލް މޯލްޑިވިއަންއާ ހަވާލުކޮށްފައިވަނީ މިދިޔަ 12 އަހަރު އެތަނުގައި ފްލައިން ސްކޫލް ހިންގަމުން އައި އޭޝިއަން އެކަޑަމީ އޮފް އެރޮނޮޓިކްސް (އޭއޭއޭ) ގެ ބޮޑެތި އިހުމާލުތަކެއްގެ ސަބަބުން ގިނަ ދަރިވަރުންނަށް ކޯސް ނިންމުމަށް ހުރަސްތަކައް ކުރިމަތިވެ އެކުދިންނާއި އެކުދިންގެ އާއިލާތަކުން ނުރުހުން ފާޅުކުރަމުން ދަނިކޮށެވެ.






