ހުޅުމާލެއިން ގޯތި ލިބެންވާނީ ގޯތީގެ މުހުތާދު ޖެހިފައިވާ މާލޭގެ ރައްޔިތުންނަށް ކަމަށާއި، އެޗްޑީސީން އުޅެނީ މުއްސަނދިންނަށް ބިން ވިއްކަން ކަމަށާއި، އެޗްޑީސީއަށް އެކަން އެގޮތަށް ނުކުރެވޭނެ ކަމަށް މާލެ ސިޓީ ކައުންސިލުން ބުނެފިއެވެ.
އެކައުންސިލުން ނެރެފައިވާ ބާނެއްގައި ބުނީ، ހުޅުމާލެ ދެވަނަފިޔަވަހިން ބީލަމުގެ އުސޫލުން ދިރިއުޅުމަށް 60 ބިން ބީލަމުގެ އުސޫލުން ވިއްކުމަށް އެޗްޑީސީން ހުޅުވާލި ހުޅުވާލުމަކީ މާލެ ސިޓީކައުންސިލުން ކަންބޮޑުވާ ކަމެއްކަމަށެވެ.
"މާލެ ސިޓީކައުންސިލުން ޤަބޫލުކުރާގޮތުގައި، ހުޅުމާލެ އަކީ މާލެ ސިޓީގެ އިޙްތިޞާސްގެ ތެރޭގައި ހިމެނޭ ތަނަށްވެފައި، އެހެންކަމުން މާލެ ސިޓީކައުންސިލްގެ އެއްވެސް ބަހެއްނެތި، މާލެ ސިޓީގައި ދިރިއުޅޭ މާލެ ސިޓީގެ ރައްޔިތުންގެ ތެރެއިން މިހާރުން މިހާރަށް ގޯތިގެދޮރުގެ މުހިންމުކަން ބޭނުންވެފައިވާ ވަރަށްގިނަ އާންމު ރައްޔިތުން ތިއްބައި، އެފަދަ މީހުންނަށް ގޯތިގެދޮރު ލިބޭނެ ފުރުޞަތުނުދީ، ހަމައެކަނި މުއްސަނދިންނަށް ހުޅުވާލި ހުޅުވާލުން އެ ކައުންސިލުން އެންމެ ހަރުކަށި އިބާރާތުން ކުއްވެރިކުރަން" ސިޓީ ކައުންސިލުން ބުނެފަވެއެވެ.
އެ ކައުންސިލުން ބުނީ، މާލެ ސިޓީ ކައުންސިލްގެ އިޚްތިޞާސްގެ ތެރޭގައި ހިމެނޭ ހުޅުމާލެ ދެވަނަ ފިޔަވަހިން މާލޭ ރައްޔިތުންނަށް ގޯތި ލިބޭނެގޮތް ފަހިކޮށްދިނުމުގެ ބަދަލުގައި 100 އިންސައްތަ ސަރުކާރު ހިއްސާވާ ކުންފުންޏެއްގެ ޢާމްދަނީ އިތުރުކުރުމަށްޓަކައި ހުޅުމާލެ ދެވަނަ ފިޔަވަހިން ގޯތި ވިއްކުން އެޗްޑީސީން ނިންމިނިންމުމަކީ ލާމަރުކަޒީ ޤާނޫނާއި ޚިލާފްކަމެއް ކަމަށެވެ.
"ލާމަރުކަޒީ ޤާނޫނުގެ 5 ވަނަ ބާބުގެ 39 ވަނަ މާއްދާގެ (ޑ) ގައި ބަޔާންކޮށްފައިވާފަދައިން މާލެ ސިޓީކައުންސިލްގެ އިޙްތިޞާސްގައި ހިމެނޭބިމެއް ބޭނުންކުރާނަމަ އެކަމާއި ގުޅޭގޮތުން މާލެ ސިޓީކައުންސިލާއި މަޝްވަރާ ކުރަންޖެހޭނެއެވެ. އެހެންނަމަވެސް ލާމަރުކަޒީ ނިޒާމުގައި ބަޔާންކޮށްފައިވާފަދައިން ސިޓީ ކައުންސިލް މެދުވެރިކޮށް ރައްޔިތުންގެ ޚިޔާލުވެސް ހޯދާފައިނުވާއިރު، އެޗްޑީސީއިންވެސް އަދި ސަރުކާރުގެ އެއްވެސް މުއައްސަސާއަކުންވެސް މިކައުންސިލާއި އެކު އެފަދަ އެއްވެސް މަޝްވަރާއެއްވެސް ކުރިއަށް ގެންގޮސްފައިނުވެއެވެ." ސިޓީ ކައުންސިލުން ބުނެފަވެއެވެ.
މީގެ އިތުރުން ހުޅުމާލޭގެ ބިމުގެ ރަޖިސްޓްރީ ބާތިލްކުރުމަށް މާލެ ސިޓީކައުންސިލުން ނިންމި ނިންމުމަށް ޢަމަލުކުރުން މަޑު ޖައްސާލުމަށް ސިވިލްކޯޓުން މި ކައުންސިލަށް އަންގާފައިވާ މައްސަލަ ހައިކޯޓުގައި އިސްތިއުނާފްކުރުމަށް އެ ކައުންސިލުން ވަނީ ނިންމާފައިކަމަށާއި، އެހެންކަމުން ހުޅުމާލެ ބިމުގެ ވެރިފަރާތާއިމެދު ވަކިގޮތެއްނުނިމި ކޯޓު މަރުޙަލާގައި އޮއްވައި އެޗްޑީސީއިން ހުޅުމާލެ ދެވަނަ ފިޔަވަހިން ގޯތި ވިއްކުމަށް ނިންމި ނިންމުމަކީ ޤާނޫނީ ގޮތުންވެސް އެޗްޑީސީއަށް ކުރެވޭނެ ކަމެއްނޫންކަމުގައި ދެކޭކަމަށް ވެސް އެކައުންސިލުން ވަނީ ބުނެފައެވެ.
"ވީމާ ސަރުކާރުގެ މި ސިޔާސަތު ބަދަލުކުރުމަށް މާލެ ސިޓީ ކައުންސިލްގެ ފަރާތުން ސަރުކާރަށް ގޮވާލަމެވެ." ސިޓީ ކައުންސިލުން ބުނެފަވެއެވެ.






