24 ގަޑިއިރުގެ ތެރޭގައި އޮކްސްފެމްއާއި ޖާމިޔާ ހިމެނޭހެން އިންޑިއާގެ 12،000 އަށްވުރެ ގިނަ ހިލޭ ސާބަހަށް މަސައްކަތްކުރާ ޖަމިއްޔާތަކަކަށް ބައިނަލްއަގްވާމީ ފަންޑު ހޯދުމުގެ ދޮރު ބަންދުވެއްޖެއެވެ.
އިންޑިއާގެ މިނިސްޓްރީ އޮފް ހޯމް އެފެއާޒްއިން ހާމަކޮށްފައިވާ ގޮތުގައި ފޮރިން ކޮންޓްރިބިއުޝަން ރެގިއުލޭޝަން އެކްޓް (އެފް.ސީ.އާރް.އޭ)ގައި ރެޖިސްޓްރީކޮށްފައިވާ 22،762 ޖަމިއްޔާގެ ތެރެއިން ޖުމްލަ 12،580 ޖަމިއްޔާގެ ލައިސެންސް ވަނީ މުއްދަތުހަމަވެފައެވެ. އެ މިނިސްޓްރީގެ ވެބްސައިޓްގައި ޝާއިޢުކޮށްފައިވާ ލިސްޓުގައި މިހާރު ހިނގަމުން އަންނަ ޖަމިއްޔާތަކުގެ އަދަދު ވަނީ 16،829 އަށް އަރާފައެވެ.
ލައިސެންސް މުއްދަތު ހަމަވެފައިވާ ޖަމިއްޔާތަކުގެ ތެރޭގައި 5933 ޖަމިއްޔާގެ ލައިސެންސް ބާތިލުވެފައި ވަނީ، މުއްދަތު ހަމަވެގެން އާ ނުކުކުރުމުންނެވެ.
ފޮރިން ކޮންޓްރިބިއުޝަން ރެގިއުލޭޝަން އެކްޓް (އެފް.ސީ.އާރް.އޭ) ގެ ގަވަޢިދު ބުނާ ގޮތުންނަމަ، ރެޖިސްޓްރީކޮށްފައިވާ ޖަމިއްޔާތައް ބޭރު ފައިސާގެ ފަންޑުތައް ލިބެން އަންނަނީ މުއްދަތު ހަމަވުމުގެ ކުރިން ލައިސެންސް އާ ކުރާ ޖަމިއްޔާތަކަށެވެ.
ހޯމް މިނިސްޓްރީއިން ހާމަކޮށްފައިވާ ގޮތުގައި 2020 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުން 2021 ވަނަ އަހަރުގެ ސެޕްޓެމްބަރުމަހުގެ 30 ގެ ނިޔަލަށް މުއްދަތު ހަމަވެފައިވާ ލައިސެންސްތަކަށް މި ފެށުނު 2022 ވަނަ އަހަރުގެ މާޗްމަހުގެ 31 އާއި ހަމައަށް ވަނީ މުއްދަތު އިތުރުކޮށްދީފައެވެ.