ހޯމްސްޓޭގެ ސަބަބުން ރާއްޖޭގެ އިސްލާމީ، އިޖްތިމާޢީ ޝަޚްސު ފުނޑުފުނޑުވެގެން ގޮސްދާނެ ކަމަށް ފާހަގަކޮށް، ރާއްޖޭގެ އިލްމުވެރިންގެ މަޖިލިސް (ޖަމްޢިއްޔަތުލްސަލަފް) އިން ކަންބޮޑުވުން ފާޅުކޮށްފިއެވެ.
އެޖަމްޢިއްޔާއިން މި ކަމާއި ކަންބޮޑުވުން ފާޅުކޮށް ނެރެފައިވާ ބަޔާނެއްގައި ބުނެފައިވަނީ ޒަމާނުއްސުރެ ދިވެހިންނަކީ ރިވެތި އަޚްލާޤާއި ހަރުދަނާ ދިރިއުޅުމުގެ ސާދާ ވައްޓަފާޅިއަކަށް ދިރިއުޅެމުން އައިސްފައިވާ ސައްތައިން ސައްތަ އިސްލާމީ ސުންނީ މުޖުތަމައެއް ކަމަށާއި ނަމަވެސް ސަރުކާރުން "ހޯމްސްޓޭ" ގެ ނަމުގައި ފަތުރުވެރިންނަށް ދިނުމަށް ހަމަޖެހިފައިވާ ޚިދުމަތުގެ ސަަބަބުން މާދުރުނޫން މުސްތަޤުބަލެއްގައި މި އިސްލާމީޤައުމުގެ ކުރިއަށް އޮތް ޖީލުގެ އަޚްލާޤިއްޔާތަށް ފޫނުބެއްދޭވަރުގެ ގެއްލުންތަކެއް ލިބިގެންދާނެ ކަމަށް ގަބޫލުކުރައްވާ ކަމަށެވެ.
އެޖަމްއިއްޔާއިން މިހެން ބުނެފައި މިވަނީ ސަރުކާރުން ފަތުރުވެރިންނަށް ޚިދުމަތް ދިނުމުގެ ނަމުގައި މީހުން ދިރިއުޅޭ ރަށްރަށުގެ ގޯތި ގެދޮރުތަކުގަ"ހޯމް ސްޓޭ' ތަޢާރަފްކުރަން ނިންމުމާއި ގުޅިގެންނެވެ.
އެގޮތުން ބައެއް ރަށްރަށުގައި ގެސްޓް ހައުސް ވިޔަފާރި ފުޅާކޮށް ހިންގަމުން އަންނައިރު އޭގެތެރެއިން ލިބޭ އިޤްތިޞާދީ ނަފާއަށްވުރެ ރަށުގެ އަޚްލާޤީ ފޭރާން ވީދި ހަފުސްވެ، ޒަމާނުއްސުރެ އޮތް އެއްބައިވަންތަކަމާއި ސާދާ ޠާހިރު ދިރިއުޅުން ނެތި ބައެއް މުޖުތަމަޢުތައް ހަލާކުވަމުންދާ ކަމަށް އެ ބަޔާނުގައި ވަނީ ފާހަގަ ކުރައްވާފައެވެ. އަދި އެފަދަ ވިޔަފާރިތަކުން ލިބޭ ނަފާއަށް ބަލައި އެކަންކަމަށް ތާއިދުކުރި އެތައްބަޔަކަށް ހެޔޮވިސްނުން ލިބި ގެސްޓް ހައުސް ވިޔަފާރީގެ ސަބަބުން ލިބޭ އެހެން ގެއްލުންތަކާ މެދު ކަންބޮޑުވުންތައް އެކިއެކި ސިފަސިފައިގަ މިހާރު ފާޅުކުރަން ފަށާފައިވާ ކަމަށްވެސް އެ ޖަމްޢިއްޔާއިން ވަނީ ބުނެފައެވެ.
މީގެއިތުރުން މުޖުތަމަޢުގައި ހެޔޮކަންކަމަށް އަމުރުކުރުމާއި، މުންކަރާތްތަކާއި އެކަންކަމަށް ހުޅުވޭ ދޮރުތައް ބަންދުކޮށް އިސްލާމީ މުޖުތަމަޢު ހެޔޮރަނގަޅު މުޖުތަމައެއްގެ ގޮތުގައި ހިފެހެއްޓުމީ އިސްލާމީ ޤައުމެއްގެ ވެރިއެއްގެ ހައިސިއްޔަތުން ރައީސުލް ޖުމުހޫރިއްޔާއާ މަތިކުރެވިފައިވާ ޝަރުޢީ އަދި ދުސްތޫ ޒިންމާއެއް ކަމަށް ބުނަމުން ހޯމްސްޓޭ ތަޢާރަފްކުރުން ހުއްޓާލުމަށް އެ ޖަމްޢިއްޔާއިން ވަނީ ސަރުކާރަށް ގޮވާލައްވާފައެވެ. އޭގެ ބަދަލުގައި ދަނޑުވެރިކަމާއި މަސްވެރިކަމާއި ކުދިފަންތީގެ އެހެނިހެން ވިޔަފާރިތައް ފުޅާކޮށްދިނުމަށް ސަރުކާރުން އިސްނެގުމަށް ވަނީ އިލްތިމާސްކުރައްވާފައެވެ.
ޤައުމުގެ އިޖްތިމާޢީ ފޭރާން ހިފަހައްޓައި ދީނާއި ޤައުމުދެކެ ލޯބިވާ ރިވެތި މަކާރިމުލް އަޚްލާޤުން ޒީނަތްތެރިވެފައިވާ ޖީލެއް ބިނާކުރުމަށް ފަރުދީ ޒިންމާ އަދާކުރުމަށް އެންމެހައި ދިވެހި ރައްޔިތުންނަށް އެޖަމްޢިއްޔާއިން ވަނީ ހަނދުމަކޮށްދެއްވާފައެވެ.






