ހިޔާ މަޝްރޫއުގެ ދަށުން އެމްޑަބްލިއުއެސްސީއިން އަޅާ 15 ބުރީގެ ދެ ޓަވަރުގެ ތެރެއިން އެއް ޓަވަރުގެ ސްޓްރަކްޗާގެ މަސައްކަތް ނިމިފައިވާ ކަމަށް އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ހަސަން ޝާހް ވިދާޅުވެއްޖެއެވެ.
މި ޓަވަރުގައި އެ ކުންފުނީގެ މުވައްޒަފުންނަށް ފްލެޓް ދޭނެއެވެ. އަދި އެހެން ބައެއް ކެޓަގަރީތައް ވެސް ފްލެޓް ހަމަޖެހިފައިވެއެވެ. އެ މަސައްކަތް އެ ކުންފުނިން ފަށާފައިވަނީ 2018 ވަނަ އަހަރުގެ ތެރޭގައެވެ. މަސައްކަތް ހަވާލުކޮށްފައިވަނީ ޗައިނާގެ ޓުވެންޓީ ތާޑް މެޓާލިޓިކަލް ކޮންސްޓްރަކްޝަން ގްރޫޕް އޮފް މިނަމެޓަލްސް ކުންފުންޏާއެވެ.
ހިޔާ މަޝްރޫއުއަކީ ހުޅުމާލޭ ދެވަނަ ފިޔަވަހީގައި މީހުން އާބާދުކުރުމަށް ފެށި މަޝްރޫއުއެކެވެ.
މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޝާހް ވިދާޅުވީ ދެ ޓަވަރުގެ އެޅުމުގެ މަސައްކަތް ކުރަމުންދަނީ އެ ކުންދުނީގެ ކޭޝް ފްލޯގެ ތެރެއިން ކަމަށެވެ. އޭނާ ވިދާޅުވީ އެއް ޓަވަރުގެ ސްޓްރަކްޗާގެ މަސައްކަތް ނިމިފައިވާއިރު އެ ޓަވަރު ރޭނުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ. އެގޮތުން ބައެއް ފްލޯތައް ރޭނުމުގެ މަސައްކަތް ވެސް ނިމިފައިވާ ކަމަށެވެ.
ޝާހް ވިދާޅުވި ގޮތުގައި މިހާރު ހިޔާ މަޝްރޫއުގެ ދަށުން އަޅާފައިވާ 7000 ފްލެޓްތަކުގެ ސައިޒަށްވުރެ އެމްޑަބްލިއުއެސްސީ ޓަވަރުތަކުގެ ފްލެޓްތައް ބޮޑުވާނެއެވެ.
އެ ކުންފުނިން އެ ފްލެޓްތަކަށް ކުރިމަތިލުމަށް ހުޅުވާލި ފުރުސަތުގައި ކުރިމަތިލީ މުވައްޒަފުންގެ ތެރެއިން 72 މުވައްޒަފަކަށް ފްލެޓް ލިބޭނެ ކަމަށް ޝާހް ވިދާޅުވިއެވެ. އެ މުވައްޒަފުންނަށް އެންމެ ބޮޑު ދަތި ކަމަކަށްވެފައިވަނީ ޑައުން ޕޭމަންޓް ދެއްކުން ކަމަށާއި އެހެންވެ އެކަމަށް ލުޔެއް ހޯދުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ޗެސް ވިދާޅުވިއެވެ.
އެމްޑީ ޝާހް ވިދާޅުވީ ކުންފުނީގެ ބޯޑާ އާއި ބައެއް ފައިނޭންސިން ޕާޓީތަކާއެކު މަޝްވަރާ ކުރުމުންދާ ކަމަށެވެ. އެ މަޝްވަރާތަކަށްފަހު މުވައްޒަފުންނަށް ލުޔެއް ހޯދައިދެވޭނެ ކަމުގެ ޔަގީންކަން ދެއްވިއެވެ.
ދެ ޓަވަރުގައި އެއް ކޮޓަރި، ދެ ކޮޓަރި އަދި ތިން ކޮޓަރީގެ އެޕާޓްމެންޓްތައް އަޅައެވެ. އޭގެ ތެރެއިން މުވައްޒަފުން ކުރިމަތިލާފައިވަނީ ދެ ކޮޓަރި އާއި ތިން ކޮޓަރީގެ އެޕާޓްމެންޓްތަކަށެވެ.






