Close

ޢީދު ބަންދާ ދިމާކޮށް އެމްއެންޑީއެފް ކޯސްޓްގާޑުން އުޅަނދުތައް ޗެކް ކުރަނީ

ކުރިޔަށް އޮތް އަޟްޙާ ޢީދު ބަންދާ ދިމާކޮށް އެމްއެންޑީއެފް ކޯސްޓްގާޑުން ކަނޑު ދަތުރުކުރާ އުޅަނދުފަހަރު ޗެކްކުރުމުގެ އޮޕަރޭޝަނެއް ފަށައިފިއެވެ.

އެމްއެންޑީއެފުން ވިދާޅުވީ ޢީދު ބަންދަކީ ކަނޑުމަގުން ގިނަ ބަޔަކު ދަތުރުކުރާ ދުވަސްވަރަކަށް ވުމާއެކު، ދަތުރުކުރާ އުޅަނދާއި ޕަސިންޖަރުންގެ ސަލާމަތާއި ރައްކާތެރިކަމަށް އަޅަންޖެހޭ ފިޔަވަޅުތައް އަޅާފައިވޭތޯ ބެލުމުގެ ގޮތުން ކުރިއަށްގެންދާ އޮޕަރޭޝަނުގައި އުޅަނދުތައް ޗެކު ކުރަމުން ގެންދާނެ ކަމަށެވެ.

އެގޮތުން މި އޮޕަރޭޝަންގައި އުޅަނދު ފަހަރުގެ ސަލާމަތީ ސެޓްފިކެޓްގައި ބަޔާންކޮށްފައި ހުންނަ ކަންކަން ފުރިހަމަ ކުރެވިފައިވޭތޯ އެމްއެންޑީއެފް ކޯސްޓްގާޑުން ބަލަމުން ގެންދާނެ ކަމަށާއި، އޭގެ ތެރޭގައި މެރިން ވީއެޗްއެފް ޗެކް ކުރުމާއި އުޅަނދު ފަހަރުގެ ކެޕްޓަން އަތުގައި ކަނޑުގެ އުޅަނދު ފަހަރު ދުއްވުމުގެ ލައިސަންސް އޮތްތޯ ބެލުމުގެ އިތުރުން ދަތުރުވެރިންގެ ސަލާމަތާއި ރައްކާތެރިކަމާ ގުޅޭ ކަންތައްތައް ވެސް ޗެކު ކުރާނެކަމަށް އެމްއެންޑީއެފުން ވިދާޅުވެއެވެ.

މިއޮޕަރޭޝަނުގައި މާލޭ ބަނދަރު ސަރަހައްދާއި ރަށްރަށުގެ ބަނދަރުން ފުރާ އުޅަނދުތަކާއި ބަނދަރަށް ވަންނަ އުޅަނދު ފަހަރު ޗެކްކުރުމުގެ މަސައްކަތް އެމްއެނޑީއެފުން ކުރަމުން ގެންދާނެއެވެ.

ކޮންމެ އަހަރެއްގެ ޢީދު ބަންދާ ދިމާކޮށް އެމްއެންޑީއެފް ކޯސްޓްގާޑުން ކުރިއަށްގެންދާ މި އޮޕަރޭޝަނަކީ، ޢީދު ބަންދާއި، ބޮޑު ޗުއްޓީ ނިމެންދެން ކުރިއަށްގެންދާ އޮޕަރޭޝަނެކެވެ.

ގުޅުންހުރި ލިޔުންތައް

ހިޔާލު ފާޅު ކުރައްވާ!

ކޮމެންޓް

Your email address will not be published. Required fields are marked *

scroll to top