Close

އެމްއައިޓީ އަށް ކުރިމަތިވާ ގޮންޖެހުންތަކަށް ހައްލެއް ހޯދުމަށް ނައިބު ރައީސް އާ މަޝްވަރާކުރައްވައިފި

ވޮކޭޝަނަލް ޓްރެއިނިންގ އަދި ހުނަރު ކުރިއެރުވުމަކީ މި ސަރުކާރުން އަބަދުވެސް އިސްކަންދޭނެ ކަމެއް ކަމަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ކުރިއަށްދިޔަ މި ބައްދަލުކުރެއްވުމުގައި މޯލްޑިވްސް އިންސްޓިޓިއުޓް އޮފް ޓެކްނޮލޮޖީގެ އިސްވެރިން ވަނީ އެބޭފުޅުންގެ މަސައްކަތްތައް ކުރިއަށްގެންދިއުމުގައި ހުރި ގޮންޖެހުންތައް ރައީސުލްޖުމްހޫރިއްޔާގެ ނައިބާއި ޙިއްޞާކުރައްވާފައެވެ.

މިއަދުގެ ބައްދަލުކުރެއްވުމުގައި މޯލްޑިވްސް އިންސްޓިޓިއުޓް އޮފް ޓެކްނޮލޮޖީގެ އިސް ބޭފުޅުން ވަނީ އެ އިންސްޓިޓިއުޓްގެ ވޮކޭޝަނަލް ޕްރޮގްރާމުގައި މިހާރު 450 ދަރިވަރުން ކިޔަވަމުންދާކަން ފާހަގަކުރައްވާފައެވެ. ހަމައެއާއެކު 150 ދަރިވަރުން މިހާރު ދަސްވެނިވުމަށް ތައްޔާރުވަމުންދާކަން އެބޭފުޅުން ފާހަގަކުރެއްވެވިއެވެ. އަދި ސުކޫލްތަކުގެ ޚާއްޞަ އެހީއަށްބޭނުންނާ ކުދިންނަށްވެސް މޯލްޑިވްސް އިންސްޓިޓިއުޓް އޮފް ޓެކްނޮލޮޖީގެ ފަރާތުން ވޮކޭޝަނަލް ޕްރޮގްރާމް ހިންގަމުންދާކަމުގައި އެބޭފުޅުން ފާހަގަކުރެއްވެވިއެވެ.

މީގެ އިތުރުން އެބޭފުޅުންވަނީ ރާއްޖޭގެ އެކިކަންކޮޅުތަކަށް ޓެކްނޮލޮޖީގޮތުން ތަމްރީން ލިބިފައިވާ މީހުން ބޭނުންވާކަން ފާހަގަކުރައްވާފައެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވަނީ މޯލްޑިވްސް އިންސްޓިޓިއުޓް އޮފް ޓެކްނޮލޮޖީއަށް ކުރިމަތިވާ ގޮންޖެހުންތަކަށް ޙައްލެއް ހޯދިދާނެ ގޮތްތަކާއި ގުޅޭގޮތުން މަޝްވަރާކުރައްވާފައެވެ. އަދި އެމަނިކުފާނުވަނީ މިކަމުގައި އެކަޑެމިކްކޮށް ދަރިވަރުން އުނގެނުން މުހިންމުވާފަދައިން ހުނަރާއި ތަމްރީނު ދަސްކޮށްދިނުމަށް ބާރުއަޅުއްވާ ވާހަކަފުޅު ދައްކަވާފައެވެ.

އެމަނިކުފާނު ވަނީ މޯލްޑިވްސް އިންސްޓިޓިއުޓް އޮފް ޓެކްނޮލޮޖީއިން ދޭ ޚިދުމަތުގެ މުހިންމުކަން ފާހަގަކުރައްވައި އެމަސައްކަތް އިތުރަށް ފުޅާކުރުމަށް ކުރެވެންހުރި ކަންތައްތަކާއި ގުޅޭގޮތުން މަޝްވަރާކުރައްވާފައެވެ.

ގުޅުންހުރި ލިޔުންތައް

ހިޔާލު ފާޅު ކުރައްވާ!

ކޮމެންޓް

Your email address will not be published. Required fields are marked *

scroll to top