ރާއްޖޭގެ ޞިއްޙީދާއިރާ ތަރައްޤީކުރުމުގައި އޭޑީކޭ ހޮސްޕިޓަލުން ކުރަމުންދާ މަސައްކަތަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް ތައުރީފް ކުރައްވައިފި އެވެ.
އޭޑީކޭ ހޮސްޕިޓަލުން އިންތިޒާމްކޮށްގެން ބާއްވަމުން އަންނަ، "މޯލްޑިވްސް ބްރައިން އެންޑް ސްޕައިން ކޮންފަރެންސް 2022" ފެށުމުގެ ރަސްމިއްޔާތުގައި ދެއްކެވި ވާހަކަފުޅުގައި އެމަނިކުފާނު ވިދާޅުވީ ޞިއްޙީ ދާއިރާއިން މީހުން ތަމްރީނުކުރުމަކީ، ޤައުމު ބިނާކުރުމަށް ކުރެވޭ މުހިއްމު މަސައްކަތެއް ކަމަށާއި، ޞިއްޙީ ޚިދުމަތް ދޭ އަމިއްލަ ތަންތަނުން ފޯރުކޮށްދޭ ޚިދުމަތްތަކުގެ ފެންވަރު ރަނގަޅު ކުރެއްވުމަށް ސަރުކާރުގެ ފަރާތުން ފުރިހަމައަށް އެއްބާރުލުން ދެއްވާނެ ކަމަށެވެ.
އިންސާނީ ވަޞީލަތްތައް ތަރައްޤީކުރުމުގައި ޕްރައިވެޓް ސެކްޓަރއިން އަދާކުރާ މުހިއްމު ދައުރުގެ މައްޗަށް އަލިއަޅުއްވާލައްވައި ވަނީ ރާއްޖޭގެ ޞިއްޙީ ދާއިރާ ކުރިއެރުވުމަށް އޭޑީކޭ ހޮސްޕިޓަލުން ކުރަމުންދާ މަސައްކަތްތަކަށް ތަޢުރީފު ކުރައްވާފަ އެވެ. އަދި ޑޮކްޓަރުންނަށް ސްކޮލަރޝިޕްތައް ދިނުމާއި، މުވައްޒަފުން ތަމްރީން ކުރުމަށް އެހޮސްޕިޓަލުން ކުރާ މަސައްކަތްތައް ވަނީ ފާހަގަކުރައްވާފަ އެވެ.
ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ ވާހަކަފުޅުގައި ވިދާޅުވީ، މަތީ ތަޢުލީމް ހާޞިލްކުރުމަށް ސަރުކާރުން ދެމުން އަންނަ ސްކޮލަޝިޕްތަކުގައި މިހާރުވެސް މެޑިސިންގެ ދާއިރާއިން 70 އަށްވުރެ ގިނަ ދަރިވަރުން ކިޔަވަމުންދާ ކަމަށެވެ. އަދި ސަރުކާރުން ކުރިޔަށް ގެންދާ ހިލޭ ޑިގްރީ ޕްރޮގްރާމްގައި މިހާތަނަށް 15000 ވުރެ ގިނަ ދަރިވަރުން ބައިވެރިވެފައި ވާއިރު، އޭގެ ތެރޭގައި ނަރުސްކަން ކިޔަވަމުންދާ 800 ވުރެ ގިނަ ދަރިވަރުން ހިމެނޭކަން ވެސް ރައީސުލްްޖުމްހޫރިއްޔާގެ ނައިބު ފާހަގަކުރެއްވި އެވެ.

އޭޑީކޭ ހޮސްޕިޓަލުން އިންތިޒާމްކޮށްގެން ބާއްވާ، "މޯލްޑިވްސް ބްރައިން އެންޑް ސްޕައިން ކޮންފަރެންސް 2022" ކުރިޔަށްދަނީ، ސެޕްޓެމްބަރު 19 އިން 22 އަށް ކްރޮސްރޯޑްސް މޯލްޑިވުސްގައެވެ. މިއީ 2017 ވަނަ އަހަރު ފެށި މިސިލްސިލާގެ 4 ވަނަ ކޮންފަރެންސެވެ.






